އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑުން ނިއުކާސަލް ކައިރިން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ވެސްޓް ހޭމް ކައިރިން 2-1 އިން މޮޅުވެފައިވާ އިރު، މިހާރު ތާވަލު އޮތް ގޮތުން އެންމެ މޮޅަކާއެކުވެސް ލިވަޕޫލަށް ލީގު ޔަގީންކުރުމަށް ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެއީ އާސެނަލް ދެން ކުޅޭ މެޗުން ބަލިވެއްޖެ ހާލަތެއްގައެވެ. އާސެނަލް ދެން ކުޅޭ މެޗަކުން މޮޅު ވިޔަސް، ލިވަޕޫލަށް ދެ މެޗުން މޮޅުވެ ލީގު ނެގެން އެބަ އޮތެވެ.

ލިވަޕޫލުން މިހާތަނަށް ކުޅުނު 32 މެޗުން އެ ޓީމަށް 76 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އާސެނަލަށް 32 މެޗުން ހޯދިފައިވަނީ 63 ޕޮއިންޓެވެ.

ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ލުއިސް ޑިއާޒެވެ. ޑިއާޒް ގޯލް ކާމިޔާބު ކުރީ ދާދި ފަހުން ކްލަބުގެ އެއްބަސްވުން އާކުރި މިސްރު ތަރި މުހައްމަދު ސަލާހް ދުއްވާލި މޮޅު ޕާހަކުންނެވެ.

އެ ގޯލަށްފަހު ލިވަޕޫލުން ފަސޭހަކޮށް މެޗު ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، ދެވަނަ ހާފުގައި ވެސްޓް ހޭމް އިން ޕްރެޝަރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން 86 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން އަތުން ބައިކޮޅަށް ގޯލެއް ވަދެ، މެޗުގެ ނަތީޖާ އެއްވަރުވިއެވެ.

ވެސްޓް ހޭމްގެ ގޯލް އާއެކު ލިވަޕޫލަށް ޕޮއިންޓެއް ލިބެން ދަނިކޮށް، އެންމެ މުހިންމު ވަގުތުގައި މޮޅުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި ގޯލުންނެވެ.

ރޭ ޔުނައިޓެޑުން ރަށުން ބޭރުގައި ނިއުކާސަލް ކައިރިން ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު ނިއުކާސަލްއަށް ވަނީ ގަދަ ހަތަރެއްގެ އުންމީދު އާވެފައެވެ. އެއީ ޗެލްސީ ވެސް ރޭ ލީގުގައި ކުޅުނު މެޗުގައި އިޕްސްވިޗް ކައިރިން އެއްވަރުވެ، ޕޮއިންޓް ގެއްލުވާލުމުންނެވެ.

ނިއުކާސަލް މި ވަގުތު ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 31 މެޗުން 56 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަވަނައިގައި އޮތް ޗެލްސީއަށް 32 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.

މި ވަގުތު ތާވަލުގެ 14 ވަނައިގައި އޮތް ޔުނައިޓެޑުން ރޭ ކުޅުނު މެޗަށް ނުކުތީ އެއް ނަންބަރު ގޯލްކީޕަރު އަންދްރޭ އޮނާނާ ފުރަތަމަ 11 ގައި ނުހިމަނައެވެ. އެއީ މިދިޔަ ހަފުތާގައި ކުޅުނު ޔޫރޮޕާ ލީގު މެޗުގައި އޮނާނާ ބޮޑެތި ގޯސްތަކެއް ހެދުމުންނެވެ. އޮނާނާއާ ނުލައި ނުކުތް ނަމަވެސް، ޔުނައިޓެޑްގެ މައްސަލަތަކެއް ހައްލެއް އައިސްފައެއް ނުވެއެވެ.

ސާންޑްރޯ ޓޮނާލީގެ ގޯލުން ނިއުކާސަލް ލީޑު ނަގާފައިވާއިރު، އޭގެ 10 ވަރަކަށް މިނެޓް ފަހުން އެލެހާންޑްރޯ ގާނާޗޯ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ނިއުކާސަލް ތަފާތު ދެއްކިއެވެ. ޔުނައިޓެޑަށް ކުޅެ ގަންނަންވެސް އުދަނގޫވި އިރު، ހާވީ ބާންސްގެ ދެ ގޯލައިގެ އިތުރުން ބްރޫނޯ ގިމަރޭޝް ޖެހި ގޯލުތަކުން ނިއުކާސަލް މޮޅު ޔަގީންކުރިއެވެ.