ހދ. ފިނޭ ބަނދަރު ޑިޒައިންކޮށް ތަރައްގީކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ޖުމުލަ 44.5 މިލިއަން ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 9 ސެޕްޓެމްބަރު 2022ގައެވެ.

އެމްޓީސީސީން އިއްޔެ ބުނީ އެ މަޝްރޫއުގެ މިހާރު ކުރިއަށްގެންދަނީ ބަނދަރުގެ ކުއޭ ވޯލް ބްލޮކް ލައިނާއި އާ ހާބަރު ބޭސިން ޑްރެޖިން މަސައްކަތްތައް ކަމަށެވެ. އަދި އެމްޓީސީސީގެ ޕްރޮޖެކްޓްތަކުގެ ސްޓޭޓަސްތައް ފެންނަ ވެބްސައިޓުން ދައްކާ ގޮތުން އެ މަޝްރޫއުގެ ތިން ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 35،484.26 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހަބާރު ބޭސިން ފުންކުރުން ހިމެނޭކަމަށެވެ. އޭގެ އިތުރުން 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށިލުންވެސް ހިމެނޭ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތް:

  • 219 މީޓަރުގެ ސަރަހައްދެއް ގައި ބޭރު ތޮށިލުން.
  • 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 248 މީޓަރު ސަރަހައްދެއް ގައި އެއްގަމު ތޮށިލުން.
  • 2،198.65 އަކަ މީޓަރު ސަރަހައްދެއް ގައި ހާބަރު ޕޭވްމަންޓް ހެދުން.
  • 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއިސް ހަރުކުރުން.