މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ވަނީ މިދިޔަ މަހުގެ 26 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

ފުލުހުން މިމަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުކުރި އެ އަމުރު ޝަމްއާންގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްތިއުނާފުކޮށްފައެވެ.

ޝަމްއާން ހައްޔަރު ކުރި ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން އެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ހަމަ އެ ރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ "އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި،" ކަމަށެވެ.

އެފަހުން ފުލުހުން ހަމަ އެ ރޭ ނެރުނު އިތުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.

"އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،"

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހާމަކުރުމުގެ ގޮތުން ފުލުހުން މިދިޔަ މަހުގެ 29 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަން ހިންގާފައިވަނީ އެކަމަށް ބޭނުންވާ ލިޔުންތައް ފުރިހަމަނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޝަމްއާނަށް އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ކުރިން އެނގިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި އޮޮޕަރޭޝަންގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު 2025 ވަނަ އަހަރުގެ މާޗު 12 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހަށް ގެންގޮސްފައިވެއެވެ. އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން 'އާޖެންޓް' ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވެއެވެ" ފުލުހުން ބުނެފައިވެއެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި ފަރާތަކީ ދިވެހި ރައްޔިތެއް ކަމަށާއި އެއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާ މެމްބަރެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބިދޭސީ މީހާ ހައްޔަރުކުރެވުނު އިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާ ދޫކޮށްލުމުގެ ކަންކަން ހިނގަމުންދިޔަ އިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތި ބަލައި ފާސްކުރުން ކުރިއަށްގެންދިޔަ އިމިގްރޭޝަން މުވައްޒަފުން ސްޓާ ކްލައުޑް ސަރަހައްދުގައި ތިބިކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ބިދޭސީ މީހާ ދޫކޮށްލުމުން އެ ބިދޭސީ މީހާ އެންމެ ފުރަތަމަ ދިޔައީ ސްޕޮންސަރާ އެކު ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޝަހީދު އަލީ ހިނގުމުން، މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފާއެކު އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ވެހިކަލަށް އެރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ވެހިކަލް މާލޭގެ އެކި ހިސާބުތަކުގައި ދުއްވާފައިވާ ކަމަށާއި ތަހުގީގުން ގަބޫލުކުރާގޮތުގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު" ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެެއެވެ.

"މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިން ކައިރިން ވެހިކަލުން ފައިބާފައިވެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން، މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަން މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް އައިސް، އިމިގްރޭޝަންގެ ވެހިކަލުން ފައިސާ އެޅި ކޮތަޅު ނަގައި، ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ގޮސްފައިވާކަން އެނގެއެވެ. ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވެއެވެ" ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ދިރިއުޅޭގެ ބަލައި ފާސްކޮށް 257،475 ރުފިޔާ، 10،000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާންގެ އަނބިކަނބަލުން ފޯނު ހިފަހައްޓައި ދެ މީހަކު ފުރުން މަނާކޮށްފައެވެ.

އެ މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކޮށްފައިވަނީ ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37)ގެ އިތުރުން ހަމަ އެ ގޭ ހަސަން ސަހެޝާން (47އ) އަދި މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން (40އ) އެވެ.