ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަމުންދާ މައްސަލައިގެ ދިފާއުގައި ފަނޑިޔާރުގެ ފަރާތުން ހުށަހެޅި ހެކި ހާޒިރުނުކޮށް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ. މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެ ފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުންވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާއިރު، އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

ފަނޑިޔާރު މަހާޒްއާ ދެކޮޅަށް ޖޭއެސްސީން އެންމެ ފުރަތަމަ ތަހުގީގު ކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އެ ތުހުމަތަށް ޖަވާބުދާރީވުމަށް ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރު ކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ދުވަހު ޖޭއެސްސީގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ.

ހަމަ އެ މައްސަލައާ ގުޅިގެން ފަނޑިޔާރު މަހާޒް ވަނީ މިއަދުވެސް ޖޭއެސްސީއަށް ހާޒިރުވެވަޑައިގެންފައެވެ.

ފަނޑިޔާރު މަހާޒްގެ ދިފާއީ ވަކީލް މުހައްމަދު ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ ފަނޑިޔާރު މަހާޒް މިއަދު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތީ ފަނޑިޔާރުގެ ފަރާތުން ފާހަގަކުރައްވަން ހުންނެވި ކަންކަމަށް ވާހަކަ ދެއްކެވުމަށް ކަމަށެވެ. ނަމަވެސް ފަނޑިޔާރު ފާހަގަކުރެއްވި ކަންކަންވެސް ހިމަނައިގެން ދެން އެ މައްސަލައިގެ ގޮތެއް ނިންމާނެ ކަމަށް ބުނެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"މައްސަލައިގައި މި އޮންނަނީ ފަނޑިޔާރު، އިސްމާއިލް ލަތީފުގެ ބަންދާމެދު ނުފޫޒު ފޯރުވަން ގުޅި ކަމަށް. ފަނޑިޔާރު ސާފުކޮށްދެއްވާފައިވާނެ އެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށް ގުޅާފައި ނުވާނެކަން، ހާދިސާތައް ހިނގައިދިޔަ ވަގުތާއި އެއްކޮށް، އެންމެ ކުޑަކުއްޖާއަށްވެސް ފަހުމުވާ ގޮތަށް" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި މައްސަލައިގެ ފަނޑިޔާރު މަހާޒްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ގާޒީ ހެކީގެ ގޮތުގައި ހުށަހަޅާއިފައިވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން އެ ހެކި ހާޒިރުކޮށްފައި ނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެ ހެކި ހާޒިރުކޮށް ސުވާލުކުރީމަ ވިދާޅުވާނެ ނޫންތޯ ފަނޑިޔާރު މަހާޒް ގުޅިއޭ، އޭރުން މިކަން ނިމުނީ ދެއްތޯ. އެކަމަކު އެ ހެއްކާމެދު ނިންމި ގޮތެއް ޖޭއެސްސީން ނާންގާ، ޖޭއެސްސީން ބުނީ އެ ހެއްކާމެދު ނިންމި ގޮތް ރިޕޯޓުގައި ބަޔާން ކުރާނަމޭ، މާނައަކީ އެ ހެކި ހާޒިރެއް ނުކުރޭ، އޭގެ މާނައަކީ އަޅުގަނޑުމެންނަށް އެ ހެކިވެރިޔާގެ ހެކިބަސް ނުނަގައި މައްސަލަ ނިންމާލީއޭ،" ފައިސަލް ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަމުގައި ވިޔަސް އަދި ދިފާއުވުމުގެ ދެ ފުރުސަތެއް ފަނޑިޔާރަށް ލިބިގެންވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެއީ މި މައްސަލައިގެ ފައިނަލް ތަހުގީގު ރިޕޯޓަށް ރައްދު ދިނުމުގެ ފުރުސަތަކާއި ޖޭއެސްސީގެ މި މައްސަލަ ބަލާ ކޮމިޓީގެ ނިންމުން ޖޭއެސްސީގެ ހަތް މެންބަރުންނަށް (ބޮޑު ކޮމިޓީއަށް) ހުށަހެޅުމެވެ.

ފުލުހުން، ލަތީފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރީ 5 ޑިސެމްބަރު 2024 ގެ ހެނދުނު 10:30 އެހާކަންހާއިރެވެ. ލަތީފު، ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 10:55 ގައެވެ. ޖޭއެސްސީން ތުހުމަތުކުރާ ގޮތުގައި ފަނޑިޔާރު މަހާޒް ވަނީ ކްރިމިނަލް ކޯޓުގެ ދެ ގާޒީއެއް ކަމަށްވާ އިބްރާހިމް ޒިހުނީ އަދި ސަފްއަތު ހަބީބަށް ގުޅައި، ލަތީފު ދޫކުރުމަށް އަންގައި ބަންދު އަމުރަށް ނުފޫޒު ފޯރުވައިފައެވެ.

ނަމަވެސް ފައިސަލް ވިދާޅުވެފައިވަނީ، ލަތީފު ހައްޔަރުކުރިކަން ފަނޑިޔާރު މަހާޒަށް އެނގިވަޑައިގަތީ ބަންދުން ދޫކޮށްލި ފަހުން ކަމަށެވެ.

"ފަނޑިޔާރަށް ނުވެސް އެނގިވަޑައިގަންނަވާ ހައްޔަރުކުރި ކަމެއް ވެސް، ބަންދުން ދޫކޮށްލި ފަހުން އެކަމެއް ފަނޑިޔާރަށް އެކަމެއް އެނގިވަޑައިގަތީ ވެސް އެއްވެސް މީހަކަށް ގުޅައި އެއްވެސް ވާހަކައެއް ނުދައްކާކަން ފަނޑިޔާރު ވަނީ ވިދާޅުވެފަ ތުހުމަތަށް ޖަވާބުދާރީވެވަޑައިގަންނަވަމުން،" ފައިސަލް ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ފަނޑިޔާރު މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ދެވަނަ ތުހުމަތައް އިންކާރު ކުރައްވައި ދިފާއުގައި ވާހަކަދައްކަވައިފައެވެ. އެފަހަރު ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުވީ އޭނާއާ ދެކޮޅަށް ތަހުގީގު ކުރަމުންދާ ދެވަނަ މައްސަލަ ކަމަށްވާ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައިގައެވެ.

އެ ދުވަހު "ވަން" އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވެފައިވަނީ މަހާޒް ހާޒިރުކޮށް، ފަނޑިޔާރަށް ތުހުމަތުވާ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. ޖޭއެސްސީން ކުރި ސުވާލުތަކުގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ މުވައްޒަފެއް ސުޕްރީމް ކޯޓަށް ގެނެވިދާނެތޯ އާއި ސުޕްރީމް ކޯޓުން ބަލާ މައްސަލައަކާ ގުޅިގެން ދަށު ކޯޓުން ލިޔުންތައް ގެންނަ އުސޫލަކީ ކޮބައިތޯ ކަމަށެވެ.

ފައިސަލް ވިދާޅުވެފައިވަނީ އެ ސުވާލުތަކަކީ ފަނޑިޔާރު މަހާޒަށް ތުހުމަތުވާ މައްސަލައާ ގުޅުންހުރި ސުވާލުތަކެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ގާނޫނުގެ މާއްދަތާކާ ހަވާލާދީ އެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

"ޖޭއެސްސީން ސުވާލެއް ނުކުރޭ ކޮން ހަޑިހުތުރު ބަހަކުންތޯ ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވީ. އެ ހަޑިހުތުރު ބަހަކީ ކޮބައިތޯ ސުވާލެއް ނުކުރޭ. ފަނޑިޔާރު ހުސްނުއްސުއޫދު އެ ވާހަކަ ދެއްކިއިރު ފަނޑިޔާރު މަހާޒް ހާޒިރުވެ އިންތޯ ސުވާލެއް ނުކުރައްވާ، ހައިކޯޓު މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކުރިތޯ ވެސް ސުވާލެއް ނުކުރައްވާ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން. މުޅި ތުހުމަތާ ނުވެސް ގުޅޭ ސުވާލުތަކެއް ކުރީ." ފައިސަލް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީން ކުރެއްވި އެ ސުވާލުތަކުގެ ސަބަބުން އެ ކޮމިޝަނުން ފަނޑިޔާރު މަހާޒްއާ ތުހުމަތުކުރާ މައްސަލައެއް ސާފުނުވާ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ. އަދި ފަނޑިޔާރު މަހާޒް ހިލާފުވެފައިވަނީ ސުލޫކީ ކޮންކަމަކާތޯ ސާފުވެފައިނުވާ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.