ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީއާއި، އެ މާއްދާގެ (ށ) ގައި، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި އަމަލުކޮށްފައިވަނީ ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި ދަންވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ބާ ކައުންސިލުން ބުނީ މަހާޒާއި އަޒްލިރަލްދާގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިވަނީ ރަނގަޅަށްކަން ކަށަވަރުކޮށްދެއްވައި، އެ ކޮމިޝަނުން މި މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދީ، ހުށަހެޅުނު އެންމެހައި ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއްކަމާއި އަދި އެ ނިންމުމަށް ވާސިލުވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދެއްވުމަށްވެސް އެދޭ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގެ ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދެއްވުމަށާއި ޖޭއެސްސީން އެ މައްސަލަ ތަހުގީގުކޮށްފައިވާ ގޮތާމެދު ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް އާންމުކޮށް ހާމަކޮށްފައި އޮތްއޮތުމުގެ މައްޗަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި އަދުލުވެރި ނިންމެވުމަކަށް ވާސިލުވުމަށް، ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވުމަށް އެދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، މިއަދު އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފައެވެ.
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް