އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް އާސެނަލް އިން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑް ކައިރިން އެއްވަރުވި އިރު، މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
އާސެނަލް އިން ރޭ އަމިއްލަ ދަނޑުގައި 1-1 އިން އެއްވަރުވި އިރު، ސިޓީ އަމިއްލަ ދަނޑުގައި މޮޅުވީ 5-2ގެ ނަތީޖާ އަކުންނެވެ.
އާސެނަލް އިން ރޭގެ މެޗުގެ ކުރިން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބޮޑު ތަފާތަކުން ރެއާލް މެޑްރިޑް ބަލިކުރި ނަމަވެސް އޭގެ ކުރިން ލީގުގައި ކުޅުނު މެޗުގައި އެވަޓަންއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ޖެހިޖެހިގެން ދެ މެޗުން ޕޮއިންޓް ގެއްލުމާއެކު އާސެނަލްއަށް ލީގު ހޯދުމަށް އުންމީދު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައިވާ އިރު، ދެވަނައިގައި އެ ޓީމު އޮތީ 32 މެޗުން 63 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ލިވަޕޫލް މި ވަގުތު އޮތީ 31 މެޗުން 73 ޕޮއިންޓާއެކުގައެވެ.
ސިޓީން ރޭ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމުން ހަތަރު ވަނައަށް ޖެހިލީ 32 މެޗުން 55 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް 32 މެޗުން 54 ލިބިފައިވާއިރު، ޗެލްސީ ހަވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެޗެއް މަދުން ކުޅެގެންނެވެ. އަދި ނިއުކާސަލް ހަތްވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެ، 53 ޕޮއިންޓާއެކުގައެވެ.
އާސެނަލުން ކުޅުނު މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ 20 ވަނަ މިނެޓުގައެވެ. ބްރެންޓްފޯޑުގެ ކްރިސްޓޮފާ އަޖެއާ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އިރު، އަނެއްކޮޅުން އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑުގެ ހަމަލާ މަތަކުރީ ބްރެންޓްފޯޑުގެ ކީޕަރު މާކް ފްލެކެންއެވެ.
މެޗުގެ ދެވަނަ ހާފުގައި ތޯމަސް ޕާޓޭ ފުރަތަމަ އާސެނަލަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ 13 މިނެޓް ފަހުން ބްރެންޓްފޯޑުން އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ ޔޯނޭ ވީސާއެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި ފުރަތަމަ އެ ޓީމު ކޮޅަށް ދެ ގޯލު ޖެހީ ޕެލެސްއިންނެވެ. އެބްރެޗީ އެޒޭއާއި ކްރިސް ރިޗާޑްސް އެ ޓީމުގެ ގޯލުތައް ކާމިޔާބު ކޮށްދިންއިރު، ހާފު ނިމުމުގެ ކުރިން ކެވިން ޑި ބްރޭނާއާއި އޮމަރް މަރުމޫޝްގެ ގޯލުތަކުން ސިޓީ އެއްވަރުކުރިއެވެ.
އޭގެފަހުން ދެވަނަ ހާފަށް ނުކުމެ، މަޓެއޯ ކޮވަސިޗާއި ޖޭމްސް މެކާތީ އަދި ނިކޯ އޮރެއިލޭ ޖެހި ގޯލުތަކުން ސިޓީ މޮޅު ޔަގީންކުރިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު