މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފި އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ތުރުކީން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން އެކަން ހިއްސާކޮށްފައި މިވަނީ، މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ފަރާތްތަކާ ހަވާލާދީ ތުރުކީގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އެމްއެމްޑީއެފުން ބުނި ގޮތުގައި އެ މަނަވަރު ރާއްޖެއަށް ގެނައުމަށްޓަކައި ދިވެހި ސިފައިން ތަމްރީންތަކެއް ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށްގެން އެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.