ނުރައްކާތެރި ކެމިކަލް ރާއްޖޭގައި ވިއްކުމާއި ގުދަންކުރުމުގެ ހުއްދަ ހޯދުމަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ކަނޑާލާނެ ކަމަށެވެ، މިނިސްޓްރީން ބުނީ "މަކުޑި" ޕޯޓަލް މެދުވެރިކޮށް ކެމިކަލް ވިއްކުމުގެ ހުއްދައަށާއި ގުދަންތައް ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވިއިރު، އެކަމަށް އެދުނު ފަރާތްތަކުގެ އަދަދު ވަރަށް ބޮޑަށް މަދު ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން އިތުރު އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފައިކަމަށް ޑިފެންސުން ބުންޏެވެ. އެ މުއްދަތު ހަމަވުމަށްފަހު، ހުއްދަ ނުނަގައި ކެމިކަލް ވިއްކާ ފަރާތްތަކާ މެދު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ޑިފެންސުން ބުންޏެވެ.

އަދި އެފަދަ ފަރާތްތަކަށް ރާއްޖެއަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެން ނުދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.