ހދ. ނައިވާދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސައިޓުން ދައްކާގޮތުން ނަމަ، ނައިވާދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 18 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.

ސަރުކާރުން ނައިވާދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ.

އެ މަސައްކަތް ކުރިއަށްގެންދަނީ އެ ރަށުގެ ހުޅަނގު ދެކުނު ފަރާތުގައެވެ. އެ މަޝްރޫއުގެ އަގަކީ 47.5 މިލިއަން ރުފިޔާއެވެ.

އެ މަސައްކަތުގެ ދަށުން 72،257.88 ސީބީއެމްގެ ފެން ހިއްކުމާއި، ބްރޭކްވޯޓާ އަދި 398.30 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 231.00 މީޓަރު ދިގު މިނުގައި ކުއޭ ވޯލް ސްޓްރަކްޗާގެ މަސައްކަތާއި ބަނދަރު ބައްތި އަދި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.