ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ކުއޭ ވޯލް ކޮންކްރީޓްގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ރަށުގެ ހުޅަނގު އުތުރު ފަރާތުގައި ކަމަށެވެ.

އެ ރަށުގެ ބަނދަރު މައްސަލަ ހައްލުކޮށް، ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖުލައި 18 ގައި، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހުގައެވެ.

އުލިގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 73.88 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން
  • 46,181 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުން
  • 21,708 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 238 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
  • 180 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން