މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދު ފުޅާކޮށް ތާރުއަޅައި، ތަރައްގީގުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހްމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް އޮންނަ ސަރަހައްދު ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު އުތުރުން ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއެވެ.

އެމްޓީސީސީން ބުނީ އެ މަގު ފުޅާކޮށް ތާރުއަޅައި ނިމުމުން ނިމުމުން އެ ސަރަހައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި އުޅަނދުފަހަރު ޕާކު ކުރާނެ އިތުރު ޖާގަ ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމިގެންދާ އިރު، ފެން ހިންދާ ނިޒާމެއްވެސް ގާއިމުކުރެވިގެންދާނެތީ ވިއްސާރަވުމުން ފެންބޮޑުވާ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 144.50 މިލިއަން ރުފިޔާއަށް، 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާ އިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޑްރޭއިނޭޖް ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

9 އެޕްރިލް 2025: މާލެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/އެމްޓީސީސީ

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މަގު ތަރައްގީކޮށް ނިމޭއިރު ހަތަރު ލޭނެއް އޮންނާނެ ކަމަށާއި އެހެންކަމުން އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާފައި އުޅޭ ފަރާތްތަކަށް މަގު ބޭނުންކުރުމުގައި ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ތާރީހަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތްކުރާނެ ކަމަށާއި ރައްޔިތުންނަށް ވީހާވެސް ދަތި ނުވާނެ ގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އިސްކަންދެއްވާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުނާޅައި އޮތް ސަރަހައްދު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. އިއްޒުއްދީން ފާލަން އަލުން ހުޅުވުމަށް މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ މަސައްކަތުގެ ތަފްސީލުތަކެއް ވެސް ދެއްވައިފައެވެ.

"މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް، މޫދުން ވެސް ބައެއް ނަގައި ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް އަޑީގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްގީކުރެވި، ތާރު އެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމުމުން ފެށޭނެ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

27 ފެބްރުއަރީ 2025، މާލެ، މަރާމާތަށްފަހު އިއްޒުއްދީން ފާލަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ ސަލާމްކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވެފައިވަނީ ވަކި މަގެއްގެ ގޮތުގައި އެމްޓީސީސީން ތަރައްގީކުރާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކަމަށާއި މާލެ އާއި ވިލިމާލޭގައި ހިމެނޭ އެހެން ހުރިހާ މަގެއް ތަރައްގީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

އެ މަޝްރޫއުގެ މަގުސަދަކީ މާލެ ވިލިމާލޭގެ މަގުތަކުގެ ހާލަތު ގޯސްވަމުންދާ މިންވަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުމެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި 2024 ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.