ރާއްޖެއިން އަބަދުވެސް ސައުދީ އަރަބިއްޔާއެކު ގާތްގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ މިއަދު ރައީސްގެ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައި، ރައީސްއާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު ގާތްގުޅުމެއް ބޭއްވުމަށް ސަފީރު ކުރެއްވި މަސައްކަތް ފާހަގަކުރައްވައިފައި ކަމަށެވެ. އަދި ރާއްޖެއާއި ސައުދީއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް ބާއްވަން ދިވެހި ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

08 އެޕްރީލް 2025، ސައުދީ އަރަބިއްޔާއިން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ސަފީރު އަބްދުﷲ އަލްއަޖާލީން އަލްދައުސަރީގެ ފަރާތުން ދިވެހި ސަރުކާރަށް ލިބުނު އެއްބާރުލުންވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ސައުދީއާއެކު ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު މިހާރު އޮތް ގުޅުން ކުރިއަށްއޮތް ތަނުގައި ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.