އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިފްރާސްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މީގެ 22 އަހަރު ކުރިން ހެދި އައްޑޫ ލިންކު ރޯޑު އަލުން ހަދަން ނިންމައި ސަރުކާރުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމަން ދީފައިވަނީ ތިން އަހަރާއި 9 މަސްދުވަހުގެ މުއްދަތެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. .

އެ މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުމާއި، ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމިކުރުމާއި، ދުވާރުތައް ހެދުމުގެ އިތުރުން މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމައި އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރުއެވެ.

އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ.

ޖުމުލަ 12.5 ކިލޯމީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލުބުނާންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ބެލެވޭ ޖޯން ސްމާޓްއެވެ.