ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގެ ޗެއާއަކަށް ހުންނެވި އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަށް ރަޖިސްޓްރާ ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލުކޮށް، ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބެލުމަށް ނިންމައިފިއެވެ.

އަކްރަމްގެ ފަރާތުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. ހައިކޯޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ މައްސަަލަ ބަލައިނުގެނެ، ބޭރުކޮށްލުމަށް ރަޖިސްޓްރާ ވަނީ ނިންމަވައިފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަކުރަމްގެ ޕާސްޕޯޓް ހިފެހެއްޓީ، "ބިންވެރިޔާ" ސްކީމުގެ ތެރެއިން އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދީފައިވާ މައްސަލައާ ގުޅިގެން އޭސީސީގެ އެދުމުގެ މަތީންނެވެ. އަދި އެއީ އަންނަ މަހުގެ 18 އާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައި އަކުރަމް ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށެވެ. އެކަން ސާބިތުކުރަން ގިނަ ނުކުތާތަކެއް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުންގެންދާ ކަމާއި އޭނާގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އަކްރަމް އެދިފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ، އެ އަމުރު ބާތިލުކޮށްދިނުމަށެވެ.

ރަޖިސްޓްރާގެ ނިންމުން ބާތިލުކުރަން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބޭރުކުރުމަށް ރަޖިސްޓްރާ ނިންމީ އެ މަހުގެ 10 ގައެވެ. އަކްރަމްގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވީ ޖެހިގެން އައި ދުވަހުގައެވެ.

ހައިކޯޓުން ފެބްރުއަރީ މަހުގެ 27 ގައި އާންމުކުރި "ރަޖިސްޓްރާގެ ނިންމުން މުރާޖާއާކޮށް ނިމުނު ގޮތް" ބެލި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔުގައި ވިދާޅުވީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވަނީ އޭނާގެ ބަހެއް ނެތި ކަމަށެވެ. އާންމު އުސޫލުން އެފަދަ ގޮތަކަށް އަމުރު ނެރެވޭނީ އަޑުއެހުމެއް ބޭއްވޭކަމުގެ ނޯޓިސްދީފި ނަމަ، ތުހުމަތުވާ މީހާ ގައުމުން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު އޮވެދާނެ ހާލަތްތަކުގައި ކަމަށެވެ.

އެފަދަ ހާލަތްތަކުގައި މިނިވަންކަން ހިފެހެއްޓުނު މީހާއަށް އޭނާގެ ފަރާތުން އެކަމުގައި ދައްކަން ހުރި ވާހަކަ ދައްކައި އޭނާގެ އަޑު އެހުމުގެ ފުރުސަތު ދީ، ޕާސްޕޯޓް ހިފެހެއްޓުން ރަނގަޅު ނޫންކަމަށް ބުނެ ސަބަބު ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފަދަ އަމުރެއް މުރާޖާއާކޮށް ދިނުމަށް އެދި އެ އަމުރެއް ނެރުނު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ، އެފަދަ ހައްގެއް ހިފެހެއްޓިފައިވަނީ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށްކަން ކަށަވަރުކުރެވޭނެ އަވަސް ގޮތެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.

ނަމަވެސް ދަަށު ކޯޓުން ނެރޭ އަމުރަކީ ގާނޫނާހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ އެފަދަ އަމުރެއް އިސްތިއުނާފުކުރާނަމަ، އެފަދަ އިސްތިއުނާފެއް ބަލައިގަންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. އެހެންނަމަވެސް އިސްތިއުނާފުގައި ބަޔާންކޮށްފައިވަނީ އަމުރު ނެރެފައިވާ ހަލާތާ މެދު އޮތް ބަހުސެއް ނަމަ، އެއީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން މުރާޖާއާއަށް ހުށަހެޅުމުގެ ފުރުސަތު އޮތް އަމުރަކަށްވާތީ، އިސްތިއުނާފީ ކޯޓެއްގައި އެފަދަ ބަހުސެއް ކުރެވޭނީ މުރާޖައާކުރުމުގެ ހަރުފަތަށްފަހު ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.

އެފަދަ އަމުރުތައް ދަށު ކޯޓަށް ހުށަހެޅުމާއި މުރާޖާއާކުރުމަކީ ކުރެވޭ ކަމެއް ނޫންނަމަ ފުރަތަމަ ފަހަރަށްވެސް އިސްތިއުނާފީ މަރުހަލާއަށް އައުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމުން އިސްތިއުނާފީ ހައްގު ހަނިވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއާ ހިލާފަށް އިސްތިއުނާފީ ހައްގު އިތުރަށް ފުޅާވެގެންދާނެކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ. ސަބަބަކީ ދަށު ކޯޓުގައި އަމުރު ރައްދުވާ ފަރާތުގެ ބަހެއް ނެތި ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެ އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދައި، އެ އަމުރު ނެރުމުގެ ހަލާތާމެދު ބަހުސްކޮށް ގޮތެއް ނިންމައިފިނަމަ، އިސްތިއުނާފީ އެއް މަރުހަލާ (ދަށު ކޯޓުގެ މަރުހަލާ) އެ ހަސްމަށް ގެއްލިގެންދިޔުން ކަމަށް ފަނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.

"ހުށަހެޅިފައިވާ މި މައްސަލައިގެ އިސްތިއުނާފު ބިނާވަނީ އަމުރު ނެރުމުގެ ހާލަތާ ގުޅޭގޮތުން ކަމަޑް ވީހިނދު، ދަށުކޯޓަށް އެ އަމުރުތައް މުރާޖާއާކުރުމަށް ހުށަހެޅުމަށްފަހު މެނުވީ އިސްތިއުނާފަށް ހުށަހެޅިދާނެކަމަށް އަހުރެން ނުދެކެމެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން މުރާޖާއާކުރުމަށް އެދި ހުށަހެޅި ކަންކަމަށް ބަލައި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ފެނެއެވެ..،" ނޑިޔާރު ޝަނީޒް ވިދާޅުވިއެވެ.

ފަނޑިޔާރު ޝަނީޒުގެ އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދު ނުކުރައްވައެވެ.

ފަނޑިޔާރު ދީބާނާޒް ރައުޔުގައި ވިދާޅުވީ އަކްރަމްގެ ފަރާތުން ހުށަހެޅި "ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވާ ކަންކަމަށް މަތިމަތިން ބަލާ އިރު، މި މައްސަލައިގައި ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭފަދަ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފަނޑިޔާރު ހުޒައިފާ ތާއީދު ކުރެއްވީ ފަނޑިޔާރު ދީބާނާޒްގެ ރައުޔަށެވެ.

އެހެންވެ މި މައްސަލައިގެ ނިމުނު ގޮތުގައި ފަނޑިޔާރު ޝަނީޒް ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އައުލަބިއްޔަތުން ނިންމައިފިން ކަމަށެވެ.