ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން، އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝިއަން ސާވިސަސްއިން ތިންވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

އައިލެންޑް އެވިއޭޝަނުން ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި އަދި 05 ފެބްރުއަރީ 2023 ގައި ވެސް އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.

ތިންވަނަ ފަހަރަށް އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އެވިއޭޝަނުން އިއުލާންކޮށްފައިވަނީ އިއްޔެ ކުރި އިއުލާނެއްގައެވެ. އިއުލާނުގައިވާ ގޮތުން ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު އައިލެންޑް އެވިއޭޝަނުން ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޯމު ހުށަހަޅަންވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. އެ ފޯމު ހުށަހަޅަންވާނީ [email protected] މެދުވެރިކޮށް ކަމަށާއި [email protected] އަދި [email protected] ފޯމު ސީސީ ކުރަންވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ އީއޯއައި ބަލައިނުގަންނާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

އަބޫދާބީ ފަންޑުގެ އެހީއާއެކު ތަރައްގީކުރި މާފަރު އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެއެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.