މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން އެކްސްޓެންޝަންގެ އަމަލީ މަސައްކަތް ފަށައި އެ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އިސް ބޭފުޅުންނާއި ޕްރޮޖެކްޓް ޕާޓްނަރުންނާއި ކޮންޓްރެކްޓަރުން ބައިވެރިވެލެއްވިއެވެ.

އައިއޭއެސްއެލް އިން ބުނި ގޮތުގައި އޭޕްރަން އެކްސްޓެންޝަނަކީ އެއާޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި އޭޕްރަން މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.

މަތިންދާ ބޯޓުގެ މޫވްމަންޓްތައް އިތުރުކޮށް، ގްރައުންޑް ހޭންޑްލިން އެފިޝަންސީ އިތުރުކުރުމަށް ފަރުމާކޮށްފައިވާ މި އޭޕްރަންގެ ސަބަބުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރައިވެޓް އޭވިއޭޝަން ހަރަކާތްތައް އިތުރުވެެގެންދާނެ ކަމަށް އައިއޭއެސްއެލް އިން ބުންޏެވެ.

މާފަރު އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

އައިއޭއެސްއެލުން ބުނި ގޮތުގައި ޓާމިނަލް އިމާރާތް ބޮޑުކުރުމުގެ ސަބަބުން ފަސިންޖަރުން ހޭންޑްލިން ކުރުމުގެ ކެޕޭސިޓީ އިތުރުވެ، އެރައިވަލް އަދި ޑިޕާޗާ ޕްރޮސެސްތައް އިތުރަށް ރަނގަޅުވެ، ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ކުރިއަރަމުން ދާއިރު، މުޅި އެއާޕޯޓުގެ ތަޖުރިބާ އިތުރަށް ރަނގަޅުވެގެންދާނެ އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ އެހީގައި ކުރިއަށް ގެންދާ ރަންވޭ އެކްސްޓެންޝަން ޕްރޮޖެކްޓާ އެކު 2019 ވަނަ އަހަރު ކޮމާޝަލް އޮޕަރޭޝަންތައް އެ އެއާޕޯޓުން ފެށިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރަސްމީކޮށް ހުޅުވި 2،850 މީޓަރުގެ ރަންވޭގެ ސަބަބުން އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް އުފުލުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންގޮސްފައިވެއެވެ.