ނ. މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށްޓަކައި މީގެ 14 އަހަރު ކުރިން މިލޭނިއަމް ކެޕިޓަލް އާއެކު ސަރުކާރުން ވި އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން ބާތިލެއް ނުކުރިއެވެ.
މި މައްސަލައަކީ، ނ. މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި މިލޭނިއަމް ކެޕިޓަލް އާ ދެމެދު ހަތެއް ނޮވެމްބަރު 2013 ގައި ސޮއިކުރި އެއްބަސްވުމާ ހިލާފަށް ދައުލަތުން އެ އެއްބަސްވުން ބާއިލް ކުރިކަމަށް ބުނެ މިލޭނިއަމް ކެޕިޓަލްއިން ދައުލަތުގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.
މާފަރުގައި އެއާޕޯޓެއް ތަރައްގީކުރަން މިލޭނިއަމް ކެޕިޓަލްއާ އެކު ސަރުކާރުން ވި އެއްބަސްވުން ބާތިލް ކުރީ، 11 ފެބްރުއަރީ 2016 ގައެވެ.
އެއާއެކު، އެއާ ޕޯޓް މަޝްރޫއުގެ މުގާބިލްގައި ރިސޯޓް ތަރައްގީ ކުރުމަށް މިލޭނިއަމް ކެޕިޓަލްއަށް ދިން ނ. ކުންނަމަލާ އާއި ށ. މައިރަށާއި މެދުރަށުގެ އިތުރުން ދިގު ރަށުގެ އެއްބަސްވުން ވެސް ދޭއް އޯގަސްޓް 2016ގައި ދައުލަތުން ބާތިލް ކުރިއެވެ.
އެ ކަމާ ގުޅިގެން މިލޭނިއަމް ކެޕިޓަލްއިން ސިވިލް ކޯޓުގައި ދައުލަތުގެ މައްޗަށް ދައުވާ ކުރިއެވެ.
މި ދައުވާގައި މިލޭނިއަމް ކެޕިޓަލް އިން ބުނެފައި ވަނީ ނ. މާފަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމާ ބެހޭ މައްސަލައިގައި ދައުލަތުން އަމަލު ކުރި ގޮތުގެ ސަބަބުން 475.7 މިލިޔަން ޑޮލަރުގެ ގެއްލުމެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
އެ އެއްބަސްވުމާ ހިލާފަށް ދައުލަތުން، އެއްބަސްވުން ބާތިލްކޮށް ނޯޓިސް ފޮނުވާފައިވާތީ އެ އަމަލަކީ އެއްބަސްވުމާ ހިލާފް އަަމަލެއް ކަަމަށް ކަނޑައަޅައިދީ ދައުލަތުގެ އެ އަމަލުގެ ސަބުން މިލޭނިއަމް ކެޕިޓަލް އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަމުރުކޮށް ދިނުމަށާއި މި މައްސަލައިގައި ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 475.7 މިލިޔަން ޑޮލަރު ދައުލަތުން ހޯދައި ދިނުމަށް ވެސް މިލޭނިއަމް ކެޕިޓަލްގެ ފަރާތުން ކޯޓުގައި އެދުނެވެ.
ނަމަވެސް މިދައުވާއަށް އިންކާރުކޮށް ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ބާތިލްކޮށް މިލޭނިއަމް ކެޕިޓަލް އަށް ނޯޓިސް ފޮނުވީ އެ ފަރާތުން އެއްބަސްވުމާ ހިލާފް ވެގެން ކަމަށެވެ. އަދި އެ ނޯޓިސް އަކީ އެއްބަސްވުމާއި ކޮންޓްރެކްޓާ ބެހޭ ގާނޫނާ އެއްގޮތަށް ފޮނުވާފައިވާ ނޯޓިސްއެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ނޯޓިސް އަކީ ބާތިލް ނޯޓިހެއް ކަމަށް ކަނޑައަޅަންޖެހޭ ނޯޓިސްއެއް ނޫން ކަމަށާއި އެ މައްސަލައަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިލޭނިއަމް ކެޕިޓަލް އެއްވެސް މިންވަރެއް ނަގައިދޭންޖެހޭ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބާތިލް ވެފައިވާ އެއްބަސްވުމުގައި، މިލޭނިއަމް ކެޕިޓަލް އާ ހަވާލު ކުރުމަށް ކަނޑައަޅާފައިވާ ރަށްތައް މިލޭނިއަމް ކެޕިޓަލްއާ ހަވާލު ކުރަން ދައުލަތުގެ މައްޗަށް ހުކުމް ކުރަންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ، މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މިލޭނިއަމް ކެޕިޓަލްއާ އެކު ދައުލަތުން ސޮއިކުރި އެއްބަސްވުން ބާތިލްކޮށް ނޯޓިސް ފޮނުވީ، އެއްބަސްވުމާ ހިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ. އެހެންކަމުން މިލޭނިއަމް ކެޕިޓަލް އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ 475.7 މިލިޔަން ޑޮލަރަކީ ޓޫރިޒަމް މިނިސްޓްރީން އެ ފަރާތައް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް ސިވިލް ކޯޓުގެ މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން މިލޭނިއަމް ކެޕިޓަލްގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައަކީ ހައިކޯޓުގައި ކުރިއަށްގެންދާނެ ތަނެއް އޮތް މައްސަލައެއް ނޫން ކަަމަށް ބުނެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ.
އެކަމާބެހޭގޮތުން ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު ހައިކޯޓުން ނިންމީ މިލޭނިއަމް ކެޕިޓަލުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައާ ގުޅިގެން، އެ މައްސަލަ ރައްދުވާ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒުފައިވާ ކަންކަމުގެ އަލީގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މިލޭނިއަމް ކެޕިޓަލުން ހުށަހަޅާފައިވާ ދައުވާފޯމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.
ފަހުން އެމްޓީީސީސީއާ ހަވާލުކޮށްގެން މާފަރު އެއާ ޕޯޓް ތަރައްގީކޮށް ހުޅުވީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ގޮތުގައެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ކޮމެންޓް