ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ތިން ޓަވަރެއްގައި ހަރުކުރި ލިފްޓުތައް ޓެސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އެކަމަށްޓަކައި ވަނީ 200 މިލިއަން ރުފިޔާ ހިމަނައިފައެވެ.

އެ ލިފްޓުތައް ހަރުކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް 18 ގައި ފަށައިގެން ކުރިއަށްދާ އިރު، އެ މަސައްކަތް ހަވާލު ކޮށްފައިވަނީ، ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

އެ މަސައްކަތާ ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވީ ޓަވަރުތަކުގައި ހަރުކުރި އިތުރު ލިފްޓުތަކުގެ ޓެސްޓުކުރުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ހަރުކުރެވޭ މި ލިފްޓުތަކާއެކު ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ. ޖާގައިގެ ގޮތުން ތަނަވަސް މި ލިފްޓުތަކަކީ ހިޔާގައި ދިރިއުޅޭ 1000 އެއްހާ އާއިލާއަކަށް ފަސޭހަ ބަދަލަކަށް ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ޓެސްޓުކުރަމުން އަންނަނީ ތިން ޓަވަރެއްގައި އަލަށް ހަރުކުރި ލިފްޓުތައް ކަމަށާއި އެއީ ޓަވަރު 1، 2 އަދި 3 ގެ ލިފްޓުތައް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ ޑިސެމްބަރު މަހު ވާހަކަދައްކަވަމުން، އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ ހިޔާގެ 16 ޓަވަރުގައި ހަރުކުރުމަށް 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު (277.6 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށެވެ.