ރާއްޖޭގެ 15 ސްކޫލެއްގެ އިމާރާތް އިތުރަށް ތަރައްގީކުރަން އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރިވަރުންނަށް އުނގެނުމުގެ މާހައުލު ހަރުދަނާކުރުން ކަމަށެވެ.

އެ މަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

އެ މަސައްކަތުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރީ ށ. ބިލެތްފަހި، އއ. މަތިވެރި، ގދ. ވާދޫ އަދި ކ. ގުޅި ސްކޫލުގައި ކްލާސްރޫމްތައް ހެދުމާއި މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމަށެވެ.

އޭގެ އިތުރުން ހއ. މޮޅަދޫ، ހދ. ނޭކުރެންދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، ތ. ގާދިއްފުށި، ހއ. މާރަންދޫ، އަދި ލ. މާވަށުގައި ކުލާސްރޫމްތައް ހެދުމަށް ހަވާލުކޮށްފައިވާ އިރު، ހދ. ނޮޅިވަރަމް، ރ. އިންނަމާދޫ، ތ. މަޑިފުށި އަދި ހދ. ނައިވާދޫގައި މަލްޓިޕާޕަސް ހޯލް ހެދުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.