ރ. އުނގޫފާރުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 98 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އެމަޝްރޫއުގެ ޕްރޮޖެކްޓަރު އެމްޓީސީސީން މިއަދު ބުނީ އުނގޫފާރުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެ މަގުތަކުގެ ކެރެޖްވޭ ހެދުމާއި ސައިޑްވޯކް ޕޭވްމަންޓް ހެދުމާއި ސާވިސް ލައިންތައް ބެހެއްޓުމާއި ސްޓޯމްވޯޓާ އިންފުލްޓްރޭޝަން ސިސްޓަމް ގެނައުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

"ޖުމްލަކޮށް މަޝްރޫއުގެ ކުރިއެރުން އުޅެނީ 98 ޕަސެންޓުގައި،" ކަމަށް އެމްޓީސީސީން ބުންޏެވެ.

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4 ނޮވެމްބަރު 2021ގައެވެ. މި މަޝްރޫއުގެ އަގަކީ 20.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑު، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.