ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ޝަހީދު އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝަހީދު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިމަތިފުޅުމަތީގައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު އިންނަވަން ޖެހެއެވެ. ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަހީދު، ހަމަޖައްސަން އެ ކޯޓުން ނިންމީ މިދިޔަ މަހުގެ 25 ގައެވެ.

ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީގައި މީގެ ކުރިން ހުންނެވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ޖޭއެސްސީން، ސުއޫދުއާ ގުޅޭ ގޮތުން ބަލަން ފެށި ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ސުއޫދު، އިސްތިއުފާ ދެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައިވަނީ ފަނޑިޔާރު ޝަހީދުއެވެ.