އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިދިޔަ ހުކުރު ދުވަހު ވަޑައިގެންފައެވެ. މަގްސަދަކީ ކޮބައިބާވައެވެ. ދިފާއީ ކަންކަމާއި ހަކަތަޔާ ގުޅޭ ދާއިރާތަކުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމެވެ. މޯދީގެ ދަތުރުފުޅު މިއައީ ސްރީލަންކާގެ ތަރައްގީގެ އެކިކަންކަމަށް އެންމެ ގިނައަދަދެއްގެ ފައިސާ ދޫކުރާ ގައުމަކީ ޗައިނާކަމަށްވާއިރު އިންޑިޔާ ރުޅިއަރުވާނުލައި މިގުޅުންތައް ހަމަހަމަކޮށް ކުރިއަށް ގެންދަން ސްރީލަންކާއަށްވެސް މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. ބޮޑުވަޒީރު މޯދީއަށް ސްރީލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ މަރުހަބާ ވިދާޅުވެ އިސްތިގުބާލު ކުރެއްވީ މަތީފެންވަރުގެ ތެރެއިންވެސް އެންމެ މަތީ ފެންވަރުގައެވެ. ރަތްދޫލައިގެ މަރުހަބާޔަކާއި ނަވާރަ ބަޑީގެ ސަލާމަކުންނެވެ. މޯދީއަކީ މިދިޔައަހަރުގެ ފަހުކޮޅު ސްރީލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އަނޫރާ ކުމާރަ ޑިސަނާޔަކަ ވެރިކަމަށް ވަޑައިގެންނެވިފަހުން އެގައުމަށް ޒިޔާރަތް ކުރެއްވި ބޭރުގެ ފުރަތަމަ ލީޑަރެވެ.

ސްރީލަންކާއިން ދެންނެވި މަރުހަބާޔާއި އެރުވި ޝަރަފަށް ޝުކުރުވެރިވެވަޑައިގެން މޯދީ ވިދާޅުވިއެވެ. މިއީ އޭނާއަށް އެކަނި ރައްދުވާ ޝަރަފެއް ނޫނެވެ. ރައްދުވަނީ އިންޑިޔާގެ 1.4 ބިލިޔަން ރައްޔިތުންނަށެވެ. ދެގައުމުގެ މަސްލަހަތާމެދު އޭނާ ވިދާޅުވީ މިހެންނެވެ. އަހަރެމެން ދެގައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެއްބަޔަކު އަނެއްބަޔަކާ ގުޅިފައެވެ. އެއީ ވަކިކުރެވެންނެތް ގުޅުމެކެވެ. މަސްލަހަތެކެވެ. މޯދީގެ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ އެއްކަމަކަށްެއޮތީ ފަސް އަހަރު ދުވަހަށް ދެމިގެންދާ އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ސްރީލަންކާގެ ސިފައިންނަށް އިންޑިޔާގައި ތަމްރީނު ދެވޭނެއެވެ. މައުލޫމާތާއި ޓެކްނޮލޮޖީ ބަދަލު ކުރެވޭނެއެވެ. ބޮޑުވަޒީރު މޯދީއަށް މަރުހަބާ ވިދާޅުވަމުން ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ އިންޑިޔާއަށް ދެއްވީ ވަރަށް ބޮޑު ޔަގީން ކަމެކެވެ. ވިދާޅުވިއެވެ. އިންޑިޔާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ހަރަކާތެއް ހިންގުމަށް އެއްވެސް ބަޔަކަށް ސްރީލަންކާގެ ސަރަހައްދު ހުޅުވައެއް ނުލާނެއެވެ.

އޭނާ އަދިވެސް ވިދާޅުވިއެވެ. އިންޑިޔާއަކީ މިހާރު ހަމައެކަނި ސަރަހައްދީ ބާރެއް ނޫނެވެ. އެއީ ދުނިޔޭގެވެސް ބޮޑު ބާރެކެވެ. އިންޑިޔާގެ މަސްލަހަތަށް ބުރޫއަރާ ގޮތަށް ސްރީލަންކާގެ ސަރަހައްދު އެއްވެސް ބަޔަކަށް ހުޅުވައިނުލާނަމޭ ރައީސް އަނޫރާ އެވިދާޅުވީ ކޮންކަމަކަށް އިޝާރާތް ކުރައްވަމުން ބާވައެވެ. އޭނާ އިޝާރާތް ކުރައްވާ ކަމަށް ގަބޫލުކުރެވެނީ ޗައިނާގެ އަސްކަރީ މަނަވަރުތަކާއި ސަބްމެރީންތަކަށެވެ. އިންޑިޔާއިން ކަންބޮޑުވުން ފާޅުކުރާތީ 2014 ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ ކޮޅުނބަށް ޗައިނާގެ ސަބްމެރީންތައް ޒިޔާރަތްކުރުން ވަނީ ހުއްޓުވައިފައެވެ. ހަމައެހެންމެ ކަނޑުގެ ވެށި ތަހުލީލު ކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ބޭރުގެ އެއްވެސް އުޅަނދެއް ސްރީލަންކާގައި ބަނދަރު ކުރުންވެސް ހުސްވި އަހަރުން ފެށިގެން ވަނީ މަނާކޮށްފައެވެ. މިގޮތަށް މަނާކުރަން ޖެހުނީ ޗައިނާގެ ތަހުލީލީ އުޅަނދެއް ސްރީލަންކާގައި ބަނދަރުކުރަން ހަމަޖެހުމުން އެ އުޅަނދަކީ އިންޑިޔާއަށް ފާރަލައި ޖާސޫސްކުރާ އުޅަނދެއް ކަމަށް އިންޑިޔާއިން ތުހުމަތުކުރަން ފެށުމުންނެވެ.

އަސްކަރީ ކަންކަމުގެ އިތުރަށް މޯދީގެ ދަތުރުފުޅުން ދެން ފާހަގަކުރެވިގެންދިޔަ އަނެއް އެއްބަސްވުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފައިސާއިން ސްރީލަންކާގެ އިރުމަތީ ބިތުގެ ޓްރިންކޮމަލީގައި އިންޑިޔާއިން ގާއިމުކުރާ ހަކަތައިގެ މަރުކަޒެކެވެ. ޓްރިންކޮމަލީއަކީ ގުދުރަތީ ވަރަށް ބޮޑު ބަނދަރެކެވެ. މިހާރުވެސް އެސަރަހައްދުގައި އިންޑިޔާއިން ހަރަކާތްތެރިވެއެވެ. ހަކަތައޭ ކިޔަސް ހަގީގަތުގައި މިއީވެސް އިންޑިޔާގެ ދިފާއީ ވިސްނުމުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫގެ ބައިވެރިންނަކީ ސްރީލަންކާ އާއި އިންޑިޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. މި މަޝްރޫއު ބަދަލުވެގެންދާނީ ގުޅިފައިވާ ވިޔަފާރިއަކަށެވެ. ހަކަތައިގެ ވިޔަފާރިއަކަށެވެ. މޯދީގެ މިދަތުރުފުޅުގައި 120 މެގަވޯޓުގެ ސޯލަރ ހަކަތައިގެ ޕްލާންޓެއްވެސް ވަނީ ހަމަ ޓްރިންކޮމަލީގައި އިފްތިތާހުކޮށްފައެވެ. މިއީ ފައިސާނެތިގެން ހުއްޓިފައިވަނިކޮށް ދާދިފަހުން އިންޑިޔާގެ އެހީގައި ފުރިހަމަކޮށް ނިންމައިލެވުނު ޕްލާންޓެކެވެ.

މޯދީގެ މިދަތުރުފުޅުގައި ދެންއޮތް ކަމަކީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައިން އަރައިގަތުމަށް ދަރަނި ދެއްކުން ތަރުތީބުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރުމާއި ގޮތްތަކެއް ނިންމުމެވެ. އިންޑިޔާގެ އެގްޒިމް ބޭންކާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ސްރީލަންކާއިން ދައްކަންޖެހިފައިވާ 1.36 ބިލިޔަން ޑޮލަރުގެ ބޮޑު ދަރަންޏެއް އެބައޮތެވެ. ބޭރުގެ އެކިފަރާތްތަކަށް ސްރީލަންކާއިން ދައްކަންޖެހޭ ދަރަނީގެ ޖުމްލަ 14 ބިލިޔަން ޑޮލަރަށް އަރާއިރު އޭގެތެރެއިން އެންމެ ބޮޑު އަދަދަކީ ޗައިނާއަށް ދައްކަންޖެހޭ ފައިސާއެވެ. ދެންއެއަށްފަހު އެންމެ ބޮޑު އަދަދެއް އިންޑިޔާއަށެވެ. އެހެންވީމާ ޗައިނާޔާއި އިންޑިޔާއާއެކު ސްރީލަންކާއަށް ކުރިއަށް ގެންދަން ޖެހިފައިވަނީ ތިލަފަތް ހަމަހަމަ ކުރުމުގެ ގުޅުމެކެވެ. ވަކިއަތަކަށް މާބޮޑަށް ބަރުނުވުމުގެ ސިޔާސަތެކެވެ. ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރަސްމީ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ އިންޑިޔާއަށެވެ. އެއަށްފަހު ދެން ޗައިނާއަށެވެ.

މިދެންނެވި ދަތުރުފުޅުގައި ޗައިނާއިންވަނީ ސްރީލަންކާއިން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއްވެސް ތަނަވަސްކޮށްދީފައެވެ. އަދި މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ޗައިނާއިން ވަނީ ސްރީލަންކާގެ ދެކުނުގައި ތެޔޮސާފުކުރާ ކާރުޚާނާއެއް ގާއިމުކުރުމަށް 3.7 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފައެވެ. މިއީ ސްރީލަންކާގައި ގާއިމްކުރެވޭ ބިދޭސީ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ކޮންމެއަކަސް ސްރީލަންކާއިން ކުރިއަށް އެގެންދަނީ އޭޝިއާގެ ބޮޑު ދެބާރުންކުރެ އެއްބާރެއްވެސް އެކަހެރި ނުކޮށް ތިލަފަތް ހަމަހަމަކޮށްގެން ކުރިއަށް ދިއުމުގެ ސިޔާސަތެކެވެ. ރައީސް އަނޫރާއަކީ ކޮމިއުނިސްޓް ފިކުރުގެ ބޭފުޅަކަށްވެފައި ޗައިނާއަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅުއްވައިފާނެ ކަމަށް ކުރިން ހީކުރެވުނަސް މިހާތަނަށްވެސް އޭނާގެ ފަރާތުން ފެންނަމުންދަނީ ހިކުމަތްތެރިކަމާއެކު ސްރީލަންކާގެ މަސްލަހަތު އިސްކުރައްވައި ބިދޭސީ ބާރުތައް ހަމަހަމަ ކުރެއްވުމުގެ ވިސްނުންފުޅެކެވެ.