އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކޮށްފިއެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ޗެލްސީ ވަނީ އަނެއްކާވެސް ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފައެވެ.

އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 52 ޕޮއިންޓް ހޯދާފައިވާ އިރު، މިވަގުތު ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 30 މެޗުން 51 ޕޮއިންޓެވެ. އޭގެ ފަހަތުން ނިއުކާސަލްވެސް ގަދަ ހަތަރަކަށް ވާދަކުރަމުންދާ އިރު، އެޓީމަށް 29 މެޗުން 50 ޕޮއިންޓް ލިބިފައިވެއެވެ.

ރޭގެ މެޗުން ބަލި ޓޮޓެންހަމް އޮތީ 14 ވަނައިގައެވެ. އެއީ 30 މެޗުން 34 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ކުޅެމުން ދިޔައީ ޗެލްސީންނެވެ. އެޓީމުން ވަނީ ކުރީކޮޅުގައިވެސް ހަމަލާތައް އުފައްދައިފައެވެ.

ނިކޮލަސް ޖެކްސަންއާއި ކޯލް ޕާމާ ކުރީކޮޅުގައި އުފެއްދި ހަމަލާތައް ކާމިޔާބުވެފައިނުވާ އިރު، ޖޭޑަން ސަންޗޯއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ޓޮޓެންހަމް ކީޕަރު ގަގްލިއޭމޯ ވިކާރިއޯއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ހިއުން މިން ސޮން އުފެއްދި ހަމަލާގައި ޓޮޓެންހަމްއިން ނުރައްކާ ކުރި ނަމަވެސް، ހާފުގެ ކުރީކޮޅުގައި ޗެލްސީން ލީޑު ނެގިއެވެ. ޕާމާ ނަގައިދިން ހުރަސް އޭރިއާ ތެރެއިން ބޮލުން ގޯލަށް ވައްދާލައި ގޯލު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ.

އޭގު އިރުކޮޅެއްފަހުން ލިބުނު ހިލޭ ޖެހުމެއްގެ ތެރެއިން ތަނަވަސްކުރި ފުރުސަތެއްގައި މޮއިސެސް ކައިސޭޑޯވެސް ބޯޅަ ގޯލަށް ވައްދާލިއެވެ. އެހެންނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ހަމަލާއަށް ފުރުސަތު ތަނަވަސްކުރިއިރު، ލިވާއި ކޮލްވިލް އޮފްސައިޑްގައި އޮތް ކަމަށެވެ.

އަނެއްކޮޅުން ޓޮޓެންހަމްގެ ޕަޕޭ މަޓާ ސާ ފޮނުވާލި ހަމަލާވެސް ޗެލްސީ ކީޕަރު ރޮބަޓް ސަންޗޭޒް އަތުގައި ޖެހިފައި ގޯލަށް ވަން ނަމަވެސް، އެ ފުރުސަތު ތަނަވަސްކުރިއިރު ޓޮޓެންހަމް ކުޅުންތެރިޔާ އޮތީ ފައުލް ކޮށްފައެވެ. އެހެންކަމުން ވީއޭއާރުން ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.