ވަގުތީ ގޮތުން ދިން ހުއްދައިގެ މުއްދަތު ހަމަވިއިރު ބާސެލޯނާއަށް ޑެނީ އޮލްމޯއާއި ޕައު ވިކްޓޯގެ ރަޖިސްޓްރޭޝަނަށް ދާއިމީ ހައްލެއް ހޯދޭނެ ގޮތެއް އަދި ނެތް ކަމަށް ލަ ލީގާއިން ބުނެފިއެވެ.

އޮލްމޯއާއި ވިކްޓޯ ރަޖިސްޓްރީ ކުރުމަށް، މިދިޔަ ހޫނު މޫސުމުގައި ލަ ލީގާއިން ވަނީ ބާސާއަށް ވަގުތީ ހުއްދައެއް ދީފައެވެ. އެ ހުއްދައާއެކު ބާސާއިން އެ ދެކުޅުންތެރިން ސީޒަނުގެ ކުރީ ބަޔަށް ރަޖިސްޓާ ކުރި ނަމަވެސް، އަނެއްކާވެސް ސީޒަނުގެ ފަހު ބައިގެ ރަޖިސްޓްރޭޝަނަށް މައްސަލަތައް ދިމާވިއެވެ.

އެ މައްސަލަވެސް ބާސާއިން ހަައްލުކުރީ ވަގުތީ ގޮތުންނެވެ. ސްޕެއިންގެ ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން ބާސާއަށް އެފަހަރު ހުއްދަ ދިނީ މި އޭޕްރީލް މަހާ ހަމައަށް އާންމުދަނީގެ ފައިދާ ރަނގަޅުކޮށް، ފައިސާގެ ހާލަތު ރަނގަޅު ކުރުމަށް ޝަރުތުކޮށްފައެވެ.

ބާސާގެ ފައިސާގެ ހާލަތު ދަށްވުމުން ލަ ލީގާގެ އޮނިގަނޑު ތެރެއިން އިތުރު ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އެޓީމަށް އުނދަގޫތަކާ ދިމާވުމުން، އެ މައްސަލަތައް ހައްލުކުރުމަށް ކްލަބުން ނިންމުންތައްވެސް ނިންމިއެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހު އެ ކްލަބުން ވަނީ ވީއައިޕީ ބޮކްސްގެ ސީޓުތައް ކުރީ ބައިގައި ވިއްކާލަން ނިންމާފައެވެ. އެއީ 83 މިލިއަން ޕައުންޑްގެ ފައިދާއެއް ހޯދުމަށެވެ.

ލަ ލީގާއިން ބުނީ ވީއައިޕީ ސީޓުތައް ވިއްކާލައިގެން ލިބުނު ފައިސާގެ އަދަދު ފައިސާގެ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމަށާއި، އެ ޑީލް ނިންމާފައި ވަނީ ކްލަބުގެ ވިޔަފާރީގެ ބޭރުން ކަމަށެވެ.

އޮލްމޯއާއި ވިކްޓޯ ރަޖިސްޓްރި ނުކުރެވޭނެ ކަމަށް ލަ ލީގާއިން ބުނުމާއެކު ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ، ލަ ލީގާގެ އެ ވާހަކައަކީ ކްލަބުގެ އަގު ވައްޓާލައި، ކްލަބުގެ ނަން ހަޑި ކުުރުމަށް ދައްކާ ވާހަކަ ކަމަށެވެ.