ތ. ކަނޑޫދޫން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވެ، އެދި ހޮޅުދޫ ބޯޓުން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ރޯވި ސަބަބެއް އަދި ނޭނގެއެވެ.

އެ ބޯޓުގައި ރޯވެ ގެގަނޑު އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެކަކު ފިޔަވައި އޭގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްގެން ކަނޑޫދޫއަށް ގެންގޮސްފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ. އެ މީހުންނަށް ބޮޑު އަނިޔާއެއް ނުވާކަން އެނގިފައިވެ އެވެ.

"އެކަކު ގެއްލިގެން ހޯދަމުން މިދަނީ. ދިވެހި ފިރިހެނެއް" ކަނޑޫދޫން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ހޮޅުދޫ ބޯޓުގައި ރޯވެ، އަނދަމުންދާތީ ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.