މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރޯވެ އަނދަމުންދަނީ މާލެ އާއި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ހޮޅުދޫ ބޯޓު ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ތެރޭގައެވެ.

އެ ބޯޓުގައި ރޯވެ ގެގަނޑު އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެކަކު ފިޔަވައި އޭގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްގެން ކަނޑޫދޫއަށް ގެންގޮސްފައެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ. އެ މީހުންނަށް ބޮޑު އަނިޔާއެއް ނުވާކަން އެނގިފައިވެ އެވެ.

"އެކަކު ގެއްލިގެން ހޯދަމުން މިދަނީ. ދިވެއްސެއް އެެއީ" ކަނޑޫދޫން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ހޮޅުދޫ ބޯޓުގައި ރޯވެ، އަނދަމުންދާތީ ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.