ޖަރުމަނު ކަޕްގެ ސެމީ ފައިނަލުގައި ރޭ، ތިންވަނަ ޑިވިޝަނުގެ އަރްމީނިއާ ބައިލެފެލްޑް އަތުން އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަން ކަޓައިފިއެވެ.

ބައިލެފެލްޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފަހަތުން އަރައި ލެވަކޫސަން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. ބައިލެފެލްޑުން މިފަހަރުގެ ޖަރުމަނު ކަޕް ފައިނަލާ ހަމައަށް ކުރީ ތާރީހީ ދަތުރެކެވެ.

އެ ޓީމު ވެގެން ގޮސްފައިވަނީ ޖަރުމަނު ކަޕްގައި ބުންޑަސްލީގާގެ ހަތަރު ޓީމެއް ކަޓުވާލި ތިންވަނަ ޑިވިޝަނުގެ ފުރަތަމަ ޓީމަށެވެ. ބައިލެފެލްޑް ވަނީ ލެވަކޫސަންގެ އިތުރުން ޔޫނިއަން ބާލިންނާއި ފްރީބާގްގެ އިތުރުން ވާޑާ ބްރެމެން ވެސް ކަޓުވާލައިފައެވެ.

ރޭގެ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ޖޮނަތަން ޓާ ލެވަކޫސަންއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ތިން މިނެޓް ފަހުން މަރިއަސް ވޯލް ވަނީ ބައިލެފެލްޑަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ރޭގެ މެޗުގެ ކުރިން ޒަބީ އެލޯންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން ޖަރުމަނު ކަޕްގައި ބަލިވެފައެއް ނުވެއެވެ. މިދިޔަ ސީޒަނުގެ ލީގާއި ކަޕްވެސް ލެވަކޫސަން އިން ކާމިޔާބުކުރީ އެތައް ބަޔަކު ހައިރާން ކޮށްލައިފައެވެ.

ޖަރުމަނު ކަޕްގައި ލެވަކޫސަން ދަމަހައްޓަމުން އައި ތާރީހީ ރެކޯޑު ރޭ ނިމިގެން ދިޔައީ ބައިލެފެލްޑްގެ މެކްސިމިލިއަން ގްރޮސާ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖެހި ގޯލާއެކުގައެވެ.

ބައިލެފެލްޑުން ފައިނަލުގައި ނުކުންނާނީ ދެވަނަ ސެމީގައި ސްޓަޓްގާޓާއި އާރްބީ ލެއިޕްޒިގް ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.