އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި އޮތް އާސެނަލް އިން ރޭ ކުޅުނު މެޗުގައި ފުލަމް ކައިރިން މޮޅުވި އިރު، އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް ކައިރިން ބަލިވެއްޖެއެވެ.
އާސެނަލް އިން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 61 ޕޮއިންޓް ހޯދާފައިވާ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 29 މެޗުން 70 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލް ބޮޑު ލީޑެއްގައި އޮތުމާއެކު އާސެނަލަށް މި ފަހަރުވެސް ތަށީގެ އުންމީދު ފަނޑުވެފައިވާއިރު، ސީޒަނުގެ ބޮޑު ބައެއްގައި އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަމަކީ އަނިޔާގެ މާޔޫސްކަމެވެ.
މެޗުގެ ފުރަތަމަ ހާފުގައި މިކޭލް މެރީނޯގެ ގޯލަކުން ލީޑު ނަގައިގެން ކުޅެމުންދިޔަ އާސެނަލަށް ދެވަނަ ހާފުގައި ހިތްހަމަޖެހުމެއް ގެނެސްދިނީ ބަދަލަކަށް ނުކުތް ބުކަޔޯ ސަކާއެވެ. އަނިޔާގެ ސަބަބުން 101 ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗަށް ނުކުތް ސަކާ، ދަނޑުމަތީގައި ހޭދަކުރަމުންދިޔަ ހަތްވަނަ މިނެޓުގައި އާސެނަލަށް ލީޑު ފުޅާކޮށްދިނެވެ.
ފުލަމްގެ ރޮޑްރިގޯ މުނީޒް ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިން ނަމަވެސް، އިތުރު ގޯލެއް ނުފެނި އާސެނަލުން ތިން ޕޮއިންޓް ޔަގީންކުރިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އާސެނަލުން އަންނަ ހަފުތާގައި ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވުން އެއީ އާސެނަލަށް މެޗުން ލިބުނު ބޮޑު މާޔޫސްކަމެކެވެ.
ޔުނައިޓެޑުން ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ މޮޅާއެކު ފޮރެސްޓަށް ވަނީ ޗެމްޕިއަންސް ލީގު ފުޓުބޯޅައިގެ އުންމީދު އާވެފައެވެ. މިހާތަނަށް ކުޅުނު 30 މެޗުން ހޯދި 57 ޕޮއިންޓާއެކު ފޮރެސްޓް ތިންވަނައިގައި ހަމަޖެހިލި އިރު، ޔުނައިޓެޑް މިވަގުތު އޮތީ 13 ވަނައިގައެވެ. އެއީ 30 މެޗުން 37 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފަސްވަނަ މިނެޓުގައި ފޮރެސްޓުން ލީޑު ނެގިއެވެ. އެ ގޯލު ޖަހައި ދިނީ އެންތަނީ އެލަންގާއެވެ. އޭނާގެ ހުނަރުވެރި ކަމާއެކު ޖެހި ގޯލާއެކު ފޮރެސްޓުން ތިން ޕޮއިންޓް ޔަގީންކުރި އިރު، އެންމެފަހު ވަގުތު ޔުނައިޓެޑްގެ ހެރީ މެގުއާ ފޮނުވާލި ބޯޅަ، ގޯލު ރޮނގުމަތިން ސާފުކޮށްލީ މުރިލޯއެވެ.
އެލަންގާއަކީ އުމުރުން 12 އަހަރު ފެށިގެން ޔުނައިޓެޑްގައި ހޭދަކޮށް، 2023 ވަނަ އަހަރު ފޮރެސްޓަށް ބަދަލުވި ކުޅުންތެރިއެކެވެ. އެއީ 15 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެލަންގާ ޔުނައިޓެޑް ދޫކޮށްލީ ފުރަތަމަ 11 އިން ޖާގަ ނުލިބޭތީއެވެ.
މި ސީޒަނުގެ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ފޮރެސްޓް މޮޅުވެފައިވާއިރު، މިއީ އެ ޓީމުން 1991-92 ވަނަ އަހަރު ސީޒަނަށްފަހު އެކަން ހާސިލުކުރި ފުރަތަމަ ފަހަރެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު