ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

އޮންލައިންކޮށް ސޮއިކުރެވޭ ގޮތަށް ހަމަޖެހިފައިވާ މި ޕެޓިޝަންގައި މެންބަރުންނަށް ދޭ ބޮޑު މުސާރައާއި އެހެނިހެން އިނާޔަތްތަކަކީ މިހާރު ރާއްޖޭގައި އޮތް އިގުތިސާދީ ހާލަތަށް އޮތް ގޮންޖެހުމެއްކަން ވަނީ ފާހަގަކޮސްފައެވެ. އެހެންކަމުން އިގުތިސޯދަށް އޮތް މި ގޮންޖެހުން ކުޑަކުރުމަށް އެ އިނާޔަތްތައް ކުޑަކުރުމަށް ވަނީ ގޮވާލައިފައެވެ.

މެންބަރުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން މަޖިލިސް މެންބަރުންނަށް ދޭ ކޮމެޓީ އެލަވެންސް އެއްކޮށް ކަނޑާލުމަށްވެސް ޕެޓީޝަންގައި ވަނީ ގޮވާލައިފަ އެވެ.

އެ ޕެޓިޝަންގައި އިތުރަށް ވަނީ މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްހަމައަކުން މެންބަރުންނަށް އާސަންދައިގެ ހިދުމަތް ދިނުމަށާއި ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ހުއްޓާލަންވެސް ގޮވާލައިފައެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ މަޖިލިސް މެންބަރުން ކުރާ މަސައްކަތްތަކާ އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލު ކަމަށެވެ. އަދި އިގުތިސޯދަށް ދަތި މި ދަނޑިވަޅުގައި މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް ކަމަށްވެސް ބުނެފައިވެއެވެ.

މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަޖިލިސް މެންބަރަކަށް މަހަކު 85،000 ރުފިޔާ ލިބެއެވެ. ނަމަވެސް މުސާރަ ކުޑަކުރުމަށް މަޖިލީހުގެ ކުރިއަށްދިޔަ ބަހުސެއްގައި ބައެއް މެންބަރުން ވިދާޅުވީ، މެންބަރުންނަށް ދޭ މިސާރަ އަދިވެސް ކުޑަ ކަމަށެވެ.