ހއ. ކެލާ އަދި ކ. ކާށީދޫ ފަޅުގައި ރިސޯޓެއް ތަރައްގީކޮށް ހިންގައިދާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ކެލާގެ ފަޅުން 12.19 ހެކްޓަރުގެ ރަށެއް ހިއްކައިގެންނާއި ހަމަ އެ ފަޅުން އިތުރު 12.19 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ކާށިދޫ ފަޅުން ހިއްކަނީ 10 ހެކްޓަރުގެ ރަށެކެވެ.

މިނިސްޓްރީން ބުނީ ކެލާއާއި ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ 10:00 ގައި އަދި މެއި ހަވަނަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހަޅަންވާނެ ކަމަށެވެ. ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ފަސްވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ކެލާގެ ފަޅު ހިއްކައިން ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މުއިއްޒު، މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރެއްގައި ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓް ހެދުމަށްޓަކައި، އެ ރަށުގެ އިހުތިސާސުން 325.5 ހެކްޓަރު އުނިކުރުމަށް ނިންމަވައިފައެވެ. ރައީސްގެ އެ ނިންމެވުމާއެކު ކެލާ ފަޅުން 13 ޕަސެންޓް އުނިވެގެންދާނެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ހެދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް މަސައްކަތްކޮށްފައިވެއެވެ.

އެގޮތުން 2022 އެޕްރީލް ހަތަރުވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ކާށިދޫ ފަޅުގައި ރިސޯޓު ހަދާނެ ތިން ތަނެއް ފާހަގަކޮށް އެ ތަނުން އެއްތަން ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ.