މިދިޔަ ހޯމަ ދުވަހުގެ ރޭ އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފުލުހުން "ވަން" އަށް މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމްވެގެން ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންގޮސްފައިވޭ،" ފުލުހުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އެއީ އައިޝަތު ރިފްގާ، 31އ. އަދި އަލީ ސާމިން، 31އ، އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ އެ ދެމަފިރިންނަށް ފަރުވާ ދެމުންދަނީ އިންޑިއާގެ "ބާން އެކްސްޕާޓުން"ގެ ލަފާގެ މަތިން ކަމަށެވެ. އެއީ އިންޑިއާގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ކަމަށާއި އެ ޑޮކްޓަރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް އައިސްފައި ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ދެމަފިރިންނަށް ފަރުވާ ދޭން ފަށާފައިވަނީ ވެސް ބުރާސްފަތި ދުވަހު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ދެމަފިރިންގެ ހާލަތު ވެސް ސީރިއަސް ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

"ދެ މީހުންނަށް ވެސް ފަރުވާ ދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި، ފުރާނަ ސަލާމަތްކުރަން ކުރެވުނު ހުރިހާ ކަމެއް ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޕާޓަކު އެ ދެމަފިރިންނަށް ފަރުވާދިނުމަށް ރާއްޖެ ގެނެސްފައިވަނީ އާއިލާގެ ފަރާތުން ކަމެއް ނުވަތަ ސަރުކާރުގެ ފަރާތުން ކަމެއް އަދި ސާފުވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސަންޓު ވަނީ ފިހިފައެވެ. އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސަންޓު ވަނީ ފިހިފައި ކަމަށް އޮފިޝަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު "ވަން" އަށް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ޑޮކްޓަރުންނާ ހަވާލާދީ އާއިލާގެ ފަރާތުން އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށެވެ. ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވުމުގެ ސަބަބުން އުންމީދު ކަނޑާލާފައިވާ ކަަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ނާހިދު ވިދާޅުވެފައިވެއެވެ.

"ދެ މީހުންގެ ހާލަތު ދަނީ ދަށްވަމުން، (އަންހެން) މީހާގެ އުންމީދު ކަނޑާލާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އާއިލާގެ ފަރާތުން،" ނާހިދު ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗުގެ އޮފިޝަލް ވެސް ވިދާޅުވީ އެ ދެމަފިރިންގެ ހާލަތަށް އަދި އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.