ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ޖިރޯނާ ބަލިކޮށް، އެއްވަނައިގައި އަނެއްކާވެސް ތިން ޕޮއިންޓްގެ ލީޑެއް ދަމަހައްޓައިފިއެވެ.
އިއްޔެ އޮލިމްޕިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ބާސާއިން ޖިރޯނާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ތިން ޕޮއިންޓާއެކު ބާސާއިން އެއްވަނައިގައި އޮތީ 29 މެޗުން 66 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއާލް މެޑްރިޑް، 29 މެޗުން 63 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 29 މެޗުން 57 ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ކޮޅުން ފެށިގެންވެސް ބާސާއިން މެޗު ޑޮމިނޭޓް ކުރަމުން ގޮސްފައިވާ އިރު، ލަޑިސްލާވް ކްރެސީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބާސާއަށް ކުރީކޮޅުގައި މެޗުގެ ލީޑު ލިބުނެވެ.
އެ ގޯލާއެކު ބާސާއިން ހަމަޖެހިލައިގެން މެޗުގެ ލީޑު ފުޅާ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ކުޅުމުގެ އޮއިވަރާ ދެކޮޅަށް އަނައުޓް ޑަންޖޫމާ ވަނީ ޖިރޯނާއަށް އެއްވަރުކޮށްދީފައެވެ.
ބާސާ ކޮޅަށް އެ ގޯލު ވަނުމާއެކު ބާސާއިން އިތުރަށް ކުރިއަށް ޖެހި ކުރި މަސައްކަތުގައި ޖިރޯނާ ކޮޅަށް ނުރައްކާ ބޮޑުކޮށްފައިވެއެވެ. އެރިކް ގާސިއާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީ، އެ ލީޑު ފުޅާކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުތަކުންނެވެ.
ވާދަވެރި ރެއާލުން މި ހަފުތާގައި ކުޅުނު މެޗުގައި ލެގާނޭސް އަތުން މޮޅުވެފައި އޮތް އިރު، ބާސާއިން ރޭ ހޯދީ މަޖުބޫރު މޮޅެކެވެ. މެޗުގައި ބާސާއަށް މޮޅު ޔަގީން ކޮށްދިނީ ފަހުވަގުތު ފެރާން ޓޮރެސް ޖެހި ގޯލާވެސް އެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ