އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ސިޓީން ބޯންމައުތު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގެ ލީގުގައިވެސް ދަށް ފޯމެއްގައި އޮތް ސިޓީއަށް ތަށްޓެއް ހޯދެން އޮތް ހަމައެކަނި ފުރުސަތަކީ އެފްއޭ ކަޕް ކަމަށްވާ އިރު، މެޗުގެ 21 ވަނަ މިނެޓުގައި އެވަނިލްސަން ވަނީ ސިޓީ ކޮޅަށް ގޯލު ޖަހައިފައެވެ.

މެޗުގެ ކުރީކޮޅުގައި ސިޓީއަށް ލިބުނު ޕެނަލްޓީ އާލިން ހާލަންޑް އަތުން ބޭކާރުވެގެން ދިޔަ އިރު، ފުރަތަމަ ހާފުގައި އިތުރު ދެ ފުރުސަތެއްވެސް އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ.

ގެއްލުނު އެ ފުރުސަތުތަކުގެ ބަދަލުގައި ހާލަންޑް ސިޓީއަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. 49 ވަނަ މިނެޓުގައި ހާލަންޑް ޖެހި އެ ގޯލަކީ ނިކޯ އޮރެއިލޭ ދިން ޕާހަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުތް ނިކޯ އޮރެއިލޭ ސިޓީއަށް ތަފާތު ދައްކާފައިވާ އިރު، މިސްރުގެ ފޯވަޑް އޮމަރު މަރްމޫޝް 63 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ސިޓީ ސެމީ ޔަގީންކުރިއެވެ.

ސެމީގައި ސިޓީ ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އަނެއް ސެމީގައި އެސްޓަން ވިލާ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.