ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި، ލެގާނޭސް ބަލިކޮށްފިއެވެ.

ރެއާލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-2 އިން ކާމިޔާބުކޮށްފައިވާ އިރު، އެ ނަތީޖާއާއެކު އެޓީމު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. ރެއާލާއި ބާސާއަށްވެސް 63 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ވަނީ ޖުމުލަ 29 މެޗު ކުޅެފައެވެ. ބާސާއިން އަދި ކުޅެފައި ވަނީ 28 މެޗެވެ.

ރޭގެ މެޗުގައި ރެއާލް އުނދަގޫ ހާލަތަކަށް ވެއްޓުނު ނަމަވެސް، އެޓީމަށް ތަފާތު ދެއްކީ ފްރާންސް ފޯވަޑް ކިލިއަން އެމްބާޕޭއެވެ. މެޗުގެ 32 ވަނަ މިނެޓުގައި "ޕެނެންކާ" ޕެނަލްޓީއަކާއެކު އެމްބާޕޭ ވަނީ ރެއާލަށް ލީޑުވެސް ނަގައިދީފައެވެ.

އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން މާކޯ ޑިމިޓްރޮވިޗް، އާދާ ގުލާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރެއާލުން ލީޑު ނެގިތާ މިނެޓެއްވެސް ނުވަނީސް ލެގާނޭސްއިން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ޑިއޭގޯ ގާސިއާ ޖެހި ގޯލުންނެވެ. އެ ގޯލާއެކު ލެގާނޭސްއިން ހިތްވަރާއެކު ކުޅެ، ހާފު ނިންމާލީ ލީޑަކާވެސް އެކުގައެވެ. އޮސްކާ ރޮޑްރިގޭޒް ކަނޑާލި ބޯޅަ ގޯލަށް ވައްދާލީ ޑެނީ ރަބާއެވެ.

ދެވަނަ ހާފަށް ނުކުމެ ރެއާލަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް އިރު، ޖޫޑް ބެލިންހަމް ވަނީ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިދީފައެވެ.

ތަށީގެ ރޭހުގައި ރެއާލަށް މޮޅުވާން މަޖުބޫރު މެޗުގައި، އެޓީމު މޮޅުކޮށްދިނީވެސް އެމްބާޕޭއެވެ. އޭނާ މިހާތަނަށް ސީޒަނުގައި ޖެހި 33 ވަނަ ގޯލާއެކު ރެއާލަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ހިލޭ ޖެހުމެއްގައި ވައްދާލި ބޯޅައާއެކުގައެވެ.