ވޮލީ ގައުމީ ޓީމުތަކަށް އަންނަ އޭޕްރީލް މަހުގެ ތެރޭގައި އިރާންގެ ކޯޗެއް ގެންނަން ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް އެކަން ހާމަކުރައްވާފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ މިދިޔަ އަހަރަކީވެސް ވޮލީއަށް ކާމިޔާބު އަހަރެއް ކަމަށާއި 2025 އަށްވުރެ ވެސް ހާއްސަ އަހަރަކަށް ހަސަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ލަތީފް ފާހަގަކުރެއްވީ މިއަހަރު މައިގަނޑު އެއް އަމާޒަކީ ވޮލީގެ ހަރަކާތްތައް ވީހާވެސް ބޮޑަށް އިތުރުކުރުމާއި އަތޮޅު ތެރެއަށް ދޭ ސަމާލުކަން ބޮޑުކޮށް، ޒުވާން ޖީލުތަކެއް އުފައްދަން މަސައްކަތް އިތުރުކުރުން ކަމަށެވެ. އެގޮތުން ޔޫތު ޑެވަލޮޕްމަންޓްގެ މަސައްކަތް އިތުރުކޮށް، ޒުވާން ފަސް އުމުރުފުރާއެއްގެ އަންހެން ފިރިހެން ޓީމުތައް އެކުލަވާލާނެ ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ގައުމީ އަންހެން އަދި ފިރިހެން ޓީމުތައް މިއަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ކުޅުމަށް ނިންމާފައިވުމާއެކު، އަންނަ މަހު އިރާނުގެ ތަޖުރިބާކާރު ކޯޗެއް ގެންނަން މިހާރު ހަމަޖައްސާފައިވާކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބަޖެޓް ފާސްކޮށް، މިދިޔަ އަހަރުގެ ރިޕޯޓުވެސް ހާމަކުރި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް އިތުރަށް ވިދާޅުވީ ވޮލީގެ 10 އަހަރުގެ މާސްޓާ ޕްލޭނެއް ތައްޔާރުކުރަން މިއަހަރު ފަށާނެ ކަމަށާއި، އެކަން ކުރުމަށް ޖަޕާނު ކޯޗެއް، މިއަހަރު ތެރޭގައި ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށެވެ.

"ޖަޕާނުގެ ކޯޗެއް، ވޮލީގެ 10 އަހަރުގެ މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް މިއަހަރު ރާއްޖެ އަންނާނެ. އެސޯސިއޭޝަނުގެ ވިސްނުމަކީ ކުޅުންތެރިންނަށް ހޯދައިދޭންޖެހޭ ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރުން،" ލަތީފް ރޭ ވިދާޅުވިއެވެ.