ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރަށް 43.89 މިލިއަން ރުފިޔާގެ ބަޖެޓެއް ރޭ ފާސްކޮށްފިއެވެ.
ވީއޭއެމްއިން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ހަރަދުތަކުގެ ތަފްސީލުތައް އާއްމުކުރުމުގެ އިތުރުން އެކްސްޓާނަލް އޮޑިޓް ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން މިއަހަރަށް ކަނޑައެޅި ބަޖެޓުގެ ތަފްސީލީ މައުލޫމާތު އާއްމު މެމްބަރުންނާ ހިއްސާކޮށް، ފާސްކޮށްފައިވެއެވެ.
ވީއޭއެމްއިން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ވެސް ރޭ ހާމަކޮށްފައިވާ އިރު، މިދިޔަ އަހަރު ވަނީ އެކްސްކޯގެ ހަ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ބައިނަލްއަގުވާމީ ހަތް މުބާރާތެއްގައި ވީއޭއެމްއިން ރާއްޖެ ތަމްސީލުކުރި ކަމަށާއި އޭގެ އިތުރުން ހަތަރު ބީޗްބޯލް މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބީޗްވޮލީ ރަން މެޑަލްއެއް ހޯދުމުގެ އިތުރުން ވޮލީގެ ރިހި އަދި ލޯ މެޑަލްއެއް ހޯދުން ކާމިޔާބީ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު އެސޯސިއޭޝަނަށް 5.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު، 7.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ވީއޭއެމްއަށް މިދިޔަ އަހަރު ވެސް އެންމެ ބޮޑު އާއްމުދަނީއެއް ލިބުނީ ސަރުކާރުގެ ފަންޑުންނެވެ. މި އަހަރު ވެސް ސަރުކާރުން ބޮޑު އާއްމުދަނީއެއް ލިބޭނެ ކަމަށް ވީއޭއެމްއިން ލަފާކޮށްފައިވާ އިރު، އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުތައް ބައިވެރިކުރުމުގެ އިތުރުން ރާއްޖޭގައި މުބާރާތްތައް ހޯސްޓް ކުރުމަށެވެ.
މިއަހަރު ރާއްޖޭގައި ވޮލީގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ހޯސްޓް ކުރުމަށް ވީއޭއެމްއިން ނިންމާފައިވާ އިރު، ސަރުކާރާ ގުޅިގެން ކުރާ އެ މަސައްކަތްތަކަށް 10 މިލިއަނަށް ރުފިޔާއަށްވުރެ ގިނައިން ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ޓީމުތައް ފޮނުވުމަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވެއެވެ.
މިއަހަރުވެސް ވޮލީ ލީގުގެ ސީނިއާ އަދި ޖޫނިއާ އުމުރުފުރާ ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ޑޮމެސްޓިކް މުބާރާތްތަކަށް 7.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
ވީއޭއެމްއިން ރޭ އިއުލާނުކުރި ބަޖެޓްގައި ތަމްރީނު ކޭމްޕްތަކަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަ މިލިއަނެއްހާ ރުފިޔާ ހިމަނާފައިވާ އިރު، ޔޫތު ޑެވަލޮޕްމެންޓަށް 3.5 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން