ބްރެޒިލް ކޯޗުކަމުގެ މަގާމުން، ޑޮރިވަލް ޖޫނިއާ ވަކިކޮށްފިއެވެ.
އުމުރުން 62 އަހަރުގެ ޑޮރިވަލް އެމަގާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ޑޮރިވަލް މަގާމުން ވަކިކުރުމަށް އެގައުމުގެ ފެޑަރޭޝަނުން ނިންމި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަވަނީ ނިމިދިޔަ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބަލިވުމެވެ.
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕްގެ ހަތަރު ވަނައިގައި މިވަގުތު އޮތް ބްރެޒިލުން މިދިޔަ ހަފުތާ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ޑޮރިވަލް ބްރެޒިލް ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވެމްބްލީގައި 1-0 އިން އިންގްލެންޑް ބަލިކޮށްފައިވާ އިރު، އޭގެފަހުން ކުޅުނު ހަތް މެޗުން ވެސް ބްރެޒިލް މޮޅުވިއެވެ.
އެހެން ނަމަވެސް، އެ ހިސާބުން ބްރެޒިލްގެ ފޯމު ދަށްވެ، ހަ މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވިއެވެ.
ބްރެޒިލް ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވީ އެންމެ އަވަހަކަށް އާ ކޯޗަކު އިއުލާނު ކުރާނެ ކަމަށެވެ.
ޑޮރިވަލްއަކީ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ކޯޗުކަމުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2022 ވަނަ އަހަރު ދެކުނު އެމެރިކާގެ ތަށި ފްލަމެންގޯއަށް ހޯދައިދިނުމެވެ.
އާ ކޯޗަކަށް ބްރެޒިލުން ކުރަމުންދާ މަސައްކަތުގައި އަނެއްކާވެސް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީއަށް ލޯ އަޅަމުންދާ ނަމަވެސް، މިވަގުތު އެމަގާމަށް އައުން އެންމެ ގާތީ އަލް-ހިލާލްގެ ކޯޗު ޖޯޖު ޖީސަސްއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް