ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތުގެ މަސައްކަތްތައް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
އޭގެ ތެރެއިން ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރިއެވެ. އަދި ތިން ސިއްހީ މަރުކަޒެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ށ. މިލަންދޫ ހޮސްޕިޓަލާއި ކ. ތުލުސްދޫ ހޮސްޕިޓަލާއި އއ. ރަސްދޫ ހޮސްޕިޓަލާއި ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތުގެ އިތުރުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:
- ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 11،197،462.90 (11.9 މިލިއަން) ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- ށ. މިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 110،878،732.12 (110.8 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 110،716،537.72 (110.7 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތް - 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އާރުޑީސީއާ ހަވާލުކުރީ ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އިތުރުން އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.
އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:
- ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތް - 108,322,537.03 (108.3 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
- އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 26,839,684.82 (26.8 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އެ ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. ފެނަކައާ ހަވާލުކުރީ ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އިތުރުން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.
ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:
- ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތް - 7,641,116.64 (7.6 މިލިއަން) ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
- ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 6،763،307.54 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
- ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތް - 6،757،395.89 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
ޚަބަރު
ޚަބަރު
ޚަބަރު