ބާސެލޯނާއިން ރޭ ކުޅުނު ލީގު މެޗުގައި އޮސަސޫނާއާ ދެކޮޅަށް އިނީގޯ މާޓިނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އޮސަސޫނާއިން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑަރޭޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

މާޓިނޭޒް، މިދިޔަ އިންޓަނޭޝަނަލް ބްރޭކްގެ މެޗުތަކަށް ސްޕެއިން ގައުމީ ޓީމަށް ނެގި ނަމަވެސް، ކަކުލުގެ އަނިޔާއެއްގެ ސަބަބުން އޭނާ ގައުމީ ޓީމަށް ކުޅެން ނުކުމެފައެއް ނުވެއެވެ.

އެކަހަލަ އަނިޔާއެއްގެ ސަބަބުން ކުޅުންތެރިޔަކު ގައުމީ ޓީމުގެ މެޗުތަކުގައި ކުޅެން އުޒުރުވެރިވެއްޖެ ނަމަ، ފީފާގެ އުސޫލު ބުނާ ގޮތުން އިންޓަ ނޭޝަނަލް ބްރޭކްގައި އެގައުމަކުން ކުޅޭ މެޗުގެ ފަހުން ފަސް ދުވަސް ނުވަނީސް، ކްލަބަކަށް ނުކުޅެވޭނެއެވެ. އެހެންނަމަވެސް، އެކަމުގައި ގައުމީ ޓީމަށް ދޫ ދިނުމުގެ ބާރު އޮވެއެވެ.

ބާސާއިން ރޭ ލީގުގައި އޮސަސޫނާ ކައިރިން 3-0 އިން މޮޅުވި މެޗަކީ ސްޕެއިނުން އެންމެފަހުން ކުޅުނު ނޭޝަންސް ލީގު މެޗަށް ހަތަރު ދުވަސް ފަހުން ކުޅުނު މެޗެކެވެ. އެއީ ނޭޝަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗެވެ.

މާޓިނޭޒް ރޭ އޮސަސޫނާއާ ދެކޮޅަށް 90 މިނެޓް ކުޅެފައިވާ އިރު، އޮސަސޫނާއިން ބުނީ މާޓިނޭޒަށް ރޭގެ މެޗުގައި ކުޅެވިގެން ނުވާނެ ކަމަށާއި، ގައުމީ ޓީމުން އެކަމަށް ހިތްވަރު ދީގެންވެސް ނުވާނެ ކަމަށެވެ. އަދި މުބާރާތުގައި ހުރިހާ ޓީމަކަށްވެސް ހަމަހަމަ ގޮތަކަށް ކަންތައް ކުރުމަށް މައްސަލަ ބެލުން އަވަސް ކޮށްދޭން ޖެހޭ ކަމަށެވެ.

ރޭ ބާސާއިން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗަކީ ކުރިން މާޗު އަށްވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް، އެމެޗު ކުޅޭ ގަޑި ރެއަށް ބަދަލުކުރީއެވެ. އެކަމަށް ބާސާ ކޯޗު ހާންސީ ފްލިކް ފާޑުވެސް ކިޔާފައިވެއެވެ.

އެއީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅޭ ރަފީނިއާއަށް ރޭ ބާސާ މެޗުގައި ނުކުޅެވުމުންނެވެ.