އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ފިލިޕީންސް ކައިރިން ބަލިވެއްޖެއެވެ.

ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފިލިޕީންސުން ރާއްޖެ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ ކޮލިފިކޭޝަނަށް ރާއްޖެއިން ނުކުންނަން ޖެހުނީ އުނދަގޫ ހާލަތެއްގައި ފުޓުބޯޅަ އޮއްވައެވެ. ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒޭޝަން ހާލަތުގައި އޮތް އިރު، ފުރަތަމަ ޑިވިޝަނުގެ މެޗެއް ނުކުޅޭތާވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ހާލަތުގެ އުނދަގޫކަން ޓީމަށް އޮތް އިރު، ކޮލިފިކޭޝަނަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗުން ބަލިވެފައި އޮވެ މިއަދު ފިލިޕީންސާ ދެކޮޅަށް ނުކުތް އިރު، ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ހުސައިން ނިހާން (ނިހާޓް) ފުރަތަމަ 11 އަށް ނެރެފައިވެއެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފިލިޕީންސްގެ ނުރައްކާ ފެނިގެން ދިޔައެވެ. އެޓީމުން ޑޮމިނޭޓް ކޮށްގެން މެޗު ފަށައި، ހަވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެ ގޯލަކީ ކޯނަރެއްގައި ކުރިއަށް ޖެހި ޑިފެންޑަރު ޖެފަސަން ތަބީނާސް ޖެހި ގޯލެކެވެ.

އޭގެފަހުންވެސް ފިލިޕީންސުން ނުރައްކާ ކުރަމުން ދިޔަ އިރު، ޒިކޯ ބެއިލީ ފޮނުވާލި ހަމާލަ އަމާޒުވީ ދަނޑިއަށެވެ. އެގޮތަށް ނުރައްކާ ކުރަމުން ގޮސް، މާ ގިނައިރެއް ނުވެ، 18 ވަނަ މިނެޓުގައި ފިލިޕީންސް ދެވަނަ ގޯލެއް ޖެހިއެވެ. ރާއްޖޭގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، އެ ގޯލު ޖަހައިދިނީ ބޯޖާން މާޓިން ކްރިސްޓެންސެންއެވެ.

އޭގެފަހުންވެސް ފުރަތަމަ ހާފުގައި ފިލިޕީންސުން ނުރައްކާ ކޮށްފައިވާ އިރު، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. ހަމަލާތައް މަތަކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ދެ ފަހަރަކަށް އަނިޔާވެ، ފަރުވާވެސް ދޭން ޖެހިފައިވެއެވެ.

ދެވަނަ ހާފަށް ނުކުމެ، ރާއްޖެއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރިއެވެ. މުހައްމަދު ނާއިމްގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން ނެރުމާއެކު ރާއްޖޭގެ އެޓޭކިން ލައިނުން ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް ފެނި، 65 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ. އަރިމަތިން ހުސައިން ސިފާއު (ކްރޯ) ނަގައިދިން ހުރަސް އޭރިއާ ތެރެއިން ގޯލަށް ފޮނުވާލައިގެން ރާއްޖެއަށް ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އެ ގޯލާއެކު ރާއްޖެއިން ހިތްވަރު ހޯދި ނަމަވެސް، އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދިޔައީ ފިލިޕީންސުން އިތުރު ގޯލެއް ޖެހުމުންނެވެ. އެ ގޯލަކީ ސްވިޒަލޭންޑްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދާ ރޭންޑީ ޝެނައިޑާ ޖެހި ގޯލެކެވެ.

އޭގެފަހުންވެސް ރާއްޖެއިން ބަދަލުތަކެއް ކޮށް، އެޓޭކުތަކަށް މަސައްކަތް ކުރި ނަމަވެސް، އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން ފިލިޕީންސް ނިންމާލީ އިތުރު ގޯލެއްވެސް ޖަހައި، ލީޑު ފުޅާކޮށްގެންނެވެ. މެޗު ނިމިނިމި އޮއްވާ ފިލިޕީންސްގެ ފަހު ގޯލު ޖެހީ ޖަރުމަނުގައި ކުޅެމުންދާ ސާންޑްރޯ ރެޔެސްއެވެ.

ރާއްޖެއާއި ފިލިޕީންސް ވާދަކުރާ ގްރޫޕުގައި ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ ލެސްޓޭއެވެ. މިއަދު ތަޖިކިސްތާނުން ވަނީ 1-0 އިން ޓިމޯ ލެސްޓޭ ބަލިކޮށްފައެވެ.