އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝް ތިންވަނަ ބުރުގައި އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝްއިން ކުޅެން އޮތް މެޗުގެ ކުރިން، އިންޑިއާއިން އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތަށް ބަންގްލަދޭޝްގެ ކޯޗު ހާވިއާ ކަބްރޭރާ ފާޑު ކިޔައިފިއެވެ.
އިންޑިއާ އާއި ބަންގްލަދޭޝް، މިއަދު ހަވީރު ރާއްޖެ ގަޑިން 6:00 ގައި ކުޅޭ ކޮލިފިކޭޝަން މެޗު ކުޅޭނީ، އިންޑިއާ އާއި ރާއްޖެ ދާދިފަހުން ކުޅުނު ސްޓޭޑިއަމް ކަމަށްވާ ޝިލޯންގެ ޖަވާހަރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.
ޝިލޯންގަކީ ފަރުބަދަ މަތީ ހިސާބެއް ކަމަށްވުމުން، މެޗު އޮންނަ ވަގުތަކީ ފުދޭވަރަކަށް ފިނި ވަގުތަކަށް ވާނެއެވެ. އަދި ފަރުބަދަ މަތީ އުސް ހިސާބެއްގައި ކުޅެން ޖެހުމުން ކުޅުންތެރިންގެ ނޭވާލުމަށް ވެސް ގިނަ ފަހަރަށް އަސަރު ކުރާތީ މެޗަށް ފުރިހަމައަށް ތައްޔާރުވާން ބަންގްލަދޭޝް ޓީމުން ވަނީ 20 ވަނަ ދުވަހު ޝިލޯންގަށް ގޮސްފައެވެ.
މެޗު އޮންނަ ދަނޑުގައި ތަމްރީނު ކުރަން ބަންގްލަދޭޝްއިން ބޭނުންވި ނަމަވެސް، އެ ފުރުސަތު އިންޑިއާއިން ދިނީ އެންމެ ގަޑިއިރަކަށެވެ. އޭގެ ބަދަލުގައި ތަމްރީނުތަކަށް ފުރަތަމަ ހަމަޖެއްސީ ސިޓީ ސަރަހައްދުގެ ބޭރުން ފަސް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ނޯތު އީސްޓާން ހިލް ޔުނިވާސިޓީގެ ދަނޑެވެ. އަދި އެކަމުގައި ޝަކުވާ ކުރުމުން ވެސް ދެން ހަމަޖެއްސީ ޝިލޯންގް ލަޖޮންގެ ޓާފް ދަނޑެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ބުންޏެވެ.
"އަހަރެމެންނަށް މިއަދުގެ ކުރިން ތަމްރީނުތަކަށް ދިނީ އުނދަގޫ ދަނޑުތަކެއް. އަހަރެމެންނަށް އެ ހާލަތު އުނދަގޫކަމުން އެކަމުގައި މަޝްވަރާކޮށްގެން، ވަރަށް އުނދަގުލުން މިއަދު ލިބުނީ މެޗު ކުޅޭ ދަނޑުގައި އެއް ގަޑިއިރަށް ފަރިތަކުރަން. އެއީ ބޭނުންވި ގޮތެއް ނޫން. އެކަމަކު ދެން މައްސަލައެއް ނުޖައްސާނަން،" އިއްޔެ ބަންގްލަދޭޝް ޓީމުން މެޗު ކުޅޭ ދަނޑުގައި ކުރި ތަމްރީނުތަކަށްފަހު ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ އަދި އިންޑިއާ ކޯޗު މާކޭޒް މަނޯލޯއަކީ ވެސް ސްޕެއިންގެ ދެ ކޯޗުންނެވެ. އެ ދެ ކޯޗުން ވެސް ކުރިން އިންޑިއާގެ ލީގުގައި މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއީ ކަބްރޭރާ ބަންގްލަދޭޝް ޓީމާ ހަވާލުވެ ހުންނަތާ ހަތަރު ވަނަ އަހަރެވެ.
ކަބްރޭރާ އިއްޔެ ބުނީ އިންޑިއާ ކޯޗަށް އިހުތިރާމް ކުރާ ކަމަށާއި އެއީ ތަޖުރިބާކާރު މޮޅު ކޯޗެއް ކަމަށެވެ.
މެޗާ ގުޅިގެން އިތުރަށް ކަބްރޭރާ ބުނީ ބަންގްލަދޭޝް އޮތީ ތައްޔާރަށް ކަމަށެވެ. ހާއްސަކޮށް މިވަގުތު އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި ތަފާތު ފެންނާނެކަމުގެ އުންމީދު ބޮޑު ކަމަށްވެސް ކަބްރޭރާ ބުންޏެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް