މިވަގުތު އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުންދާ ހަމްޒާ ޗޯދުރީ ބަންގްލަދޭޝް ގައުމީ ޓީމަށް ކުޅުމުގެ ފައިދާ އޭޝިއާގެ ފުޓުބޯޅައަށް ވެސް ކުރާނެ ކަމަށް އިންޑިއާ ގައުމީ ޓީމުގެ ކޯޗު މަނޯލޯ މާކޭޒް ބުނެފިއެވެ.
އިންޑިއާއިން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ޝިލޯންގުގައި ކުޅޭ މެޗުގެ ކުރިން އިންޑިއާއިން ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ، 3-0 އިން މޮޅުވެފައި އޮތް ނަމަވެސް، މިރޭގެ މެޗަށް ބަންގްލަދޭޝް ނުކުންނާނީ އުންމީދާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީއާއެކު، އެ ޑިވިޝަނުގައި ވެސް ގިނަ މެޗުތަކެއް ކުޅެ ތަފާތު ދައްކާފައިވާ ހަމްޒާ، ބަންގްލަދޭޝް ޖާޒީގައި ފުރަތަމަ ފެނިލާ ފެނިލުމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ އިރު، އެއީ ބަންގްލަދޭޝަށް އިންޑިއާ ބަލިކުރުމަށް ލިބޭނެ ހިތްވަރެއް ކަމަށް އިންޑިއާ ކޯޗު ދެކެއެވެ.
"ހަމްޒާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެއީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެފައިވާ ކުޅުންތެެރިއެއް. އެއީ ހަމައެކަނި ބަންގްލަދޭޝްއަށް އޭގެ ފައިދާ ކުރާނެ ކަމެއް ނޫން. އެކަހަލަ ކުޅުންތެރިޔަކު އޭޝިއާ ޓީމަކަށް ކުޅުން އެއީ މުޅި އޭޝިއާގެ ފުޓުބޯޅައަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއް. އަހަންނަށް ޔަގީން ހަމްޒާއާ އެކު ބަންގްލަދޭޝްގެ ހިތްވަރު އާވާނެކަން،" އިންޑިއާ ކޯޗު މާކޭޒް، ލެސްޓާގެ ލޯނެއްގައި ޝެފީލްޑަށް ކުޅެމުންދާ ހަމްޒާއާ ދޭތެރޭ ބުންޏެވެ.
އިންޑިއާގެ ކޯޗު ބުނީ ބަންގްލަދޭޝްއާ ދެކޮޅަށްވެސް ނުކުންނާނީ ރާއްޖެ ކައިރިން ކުޅުނު ކުޅުން ދެމެހެއްޓުމަށް ކަމަށާއި މޮޅަކުން ފެށުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިންޑިއާ އާއި ބަންގްލަދޭޝް ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 6:00 ގައެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް