ބްރެޒިލް ފުޓުބޯޅަ އެސޯސިއޭޝަން (ސީބީއެފް) ގެ ރައީސްގެ މަގާމުގައި މިހާރު ހުރި އެޑްނާލްޑޯ ރޮޑްރިގޭޒް ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެއެވެ.
ރޮޑްރިގޭޒް މަގާމަށް އިންތިހާބުވީ ވާދަވެރިޔަކު ނެތިއެވެ. އެ މަގާމަށް ވޯޓު ދޭން ޝަރުތު ހަމަވާ 67 މަންދޫބުން ވެސް ރޮޑްރިގޭޒަށް ވޯޓު ދީފައިވާ އިރު، މިހާތަނަށް އަބަދު ވެސް ބްރެޒިލް އެފްއޭ ރައީސަށް ވާދަކުރަމުން އައީ އެންމެ ކެނޑިޑޭޓެކެވެ. ރޮޑްރިގޭޒް އިންތިހާބު ކާމިޔާބުކުރީ 141 ވޯޓު ހޯދައިގެންނެވެ.
ރޮޑްރިގޭޒާ ވާދަކުރަން އެގައުމުގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ފުރަތަމަ ނުކުތް ނަމަވެސް، ރީޖަނަލް ފެޑަރޭޝަންތަކުން ބަދަލަކަށް ބޭނުންވެ، ތާއިދުކުރަން އެއްބަސްނުވާ ކަމަށް ބުނެ، އޭނާ ވަނީ ކެނޑިޑެންސީ ދޫކޮށްލައިފައެވެ.
އޭގެ އިތުރުން ރޮނާލްޑޯ ވަނީ ވޯޓު ދިނުމުގެ ޝަރުތު ހަމަވާ މެމްބަރުން ކަނޑައަޅަން މިހާރު އޮންނަ އުސޫލަށް ވެސް ފާޑު ކިޔައިފައެވެ. ބްރެޒިލް ފުޓުބޯޅައިގެ މައި އިދާރާ 27 ރީޖަނަކަށް ބަހާލާފައި އޮންނަ އިރު، އޭގެން ކޮންމެ ރީޖަނަލް ފެޑަރޭޝަނަކަށް ތިން ވޯޓު ލިބެއެވެ. އަދި އެއްވަނަ ޑިވިޝަނުގެ 20 ކްލަބުގެ ތެރެއިން ކޮންމެ ކްލަބަކަށް ދެ ވޯޓު ދޭން ފުރުސަތު ލިބޭ އިރު، ދެވަނަ ޑިވިޝަނުގެ 20 ކްލަބުގެ ތެރެއިން ކޮންމެ ކްލަބަކަށް ލިބެނީ އެއް ވޯޓެވެ.
ރޮނާލްޑޯ ބުނީ އެހެން އެކަން އޮތްހާ ދުވަހަކު ބްރެޒިލްގެ ފުޓުބޯޅަ ކޮންޓްރޯލް ކުރާނީ ނުފޫޒު ގަދަ އެއް ބަޔަކު ކަމަށާއި އިންތިހާބުތައް ވާދަވެރި ނުވަނީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
ރޮޑްރިގޭޒް އިންތިހާބަށްފަހު ވިދާޅުވީ ފެންނަނީ ބްރެޒިލް ފުޓުބޯޅައިގެ އެކުވެރިކަން ކަމަށާއި ފުޓުބޯޅަ ސާފުކޮށް، ނާޖާއިޒު ނުފޫޒާއި ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިފަހަރުގެ އިންތިހާބު ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެއް އަހަރު ކުރިން ބާއްވަން ރޮޑްރިގޭޒް ވަނީ އަސާސީ ގަވާއިދުގައިވާ މާއްދާއެއްގެ ބޭނުން "ނަހަމަ ގޮތުގައި" ހިފާފައި ކަމަށްވެސް ނޫސްތައް ބުނެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް