އެންމެފަހުން އިންޑިއާގެ ޝިލޯންގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ހެދުނު ގޯސްތަކަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވި، މިހާރު ޓީމު އޮތީ ފިލިޕީންސް މެޗަށް ތައްޔާރުވެފައި ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
މިއަދު ހަވީރު 4:00 ގައި ފިލިޕީންސްގައި ކުޅޭ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ މެޗެކެވެ. ފިލިޕީންސާއި ރާއްޖޭގެ އިތުރުން ދެން ކޮލިފިކޭޝަން ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާން އަދި ޓިމޯ ލެސްޓޭއެވެ.
ރާއްޖޭން މިވަގުތު ފިލިޕީންސްގައި ތިބި އިރު، މެޗަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް އެގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެ މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
"މި މެޗުގެ ކުރިން އަހަރެމެންވާނީ އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައި. އެމެޗުގައި އެންމެ ބޭނުންވި ނަތީޖާ ނުނުކުތް ނަމަވެސް، ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. އެމެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމަށް ތަމްރީނުތަކުގައި މަސައްކަތް ކުރެވުނު. އެހެންވީމަ މެޗަށް ތައްޔާރުވެފައި ޓީމު އޮތީ،" ޕްރި މެޗު ޕްރެސްގައި ކޯޗު ސުޒޭން ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމުން އިންޑިއާ މެޗަށްފަހު، ރާއްޖެ އައިސް ފަރިތަކުރުމެއް ބާއްވާފައިވެއެވެ.
ސުޒޭން އިއްޔެގެ ޕްރެސްގައި އިތުރަށް ބުނީ މެޗު ކުޅޭ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމްގެ ހާލަތު މާ ބޮޑަށް ނޭނގޭ ނަމަވެސް، އިންޑިއާގައި ކުޅުނު ދަނޑުގެ ފެންވަރު ހުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިއީ ފިލިޕީންސް ގައުމީ ޓީމުން އެ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗެވެ.
"އަހަރެމެންނަށް ދަނޑު ފެނިއްޖެ. އެކަމަކު އެއީ ތިންވަނަ ފްލޯއިން ކަހަލަ ގޮތަކަށް ފެނުނީ. ފެނުނުއިރު ސީދާ ދަނޑުގެ ހާލަތެއް ނޭނގެ. އެންމެފަހުން ކުޅުނު ޝިލޯންގެ ދަނޑަކީ މިފަކަށް އައިސް ފެނުނު އެންމެ ރަނގަޅު ދަނޑު. އުންމީދުކުރަނީ އެކަހަލަ ދަނޑަކަށް ވާނެ ކަމަށް ފިލިޕީންސްގެ ދަނޑުވެސް،" ސުޒޭން ބުންޏެވެ.
ސުޒޭން ވަނީ އެންމެފަހުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށްވެސް ވާހަކަ ދައްކައިފައެވެ. ޔޫއޭއީގެ ޝާރްޖާގައި 2023 ވަނަ އަހަރު ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިގެން ގޮސްފައިވާ އިރު، ސުޒޭން ބުނީ އޭރު ފިލިޕީންސަކީ ރާއްޖެއަށްވުރެ މާ ބޮޑަށްވެސް ވަރުގަދަ ޓީމެއް ކަމަށެވެ.
"އަހަރެމެން ކުރިން ފިލިޕީންސާ ދެކޮޅަށް ކުޅުނު އިރު، އޭރު ފިލިޕީންސަކީ މާ ވަރުގަދަ ޓީމެއް. އަހަރެން އުންމީދުކުރަން އެއަށްވުރެ ރަނގަޅަށް މި މެޗުގައި ކުޅޭނެ ކަމަށް. މިދިޔަ ހަތަރު ވަރަކަށް އަހަރު ކޮންމެ ހާލަތެއްގައި ނަމަވެސް ރާއްޖެ ރަނގަޅު ވާނެ ކަމަށް އުންމީދުކުރާނީ،" ސުޒޭން ބުންޏެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު