ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، މެޗަށް ތައްޔާރުވާނީ ވިސްނައިގެން ކަމަށް އަލްބާޓް ކަޕެލާސް ބުނެފިއެވެ.

ރާއްޖެއާއި ފިލިޕީންސާ ނުކުންނާނީ މާދަމާ ހަވީރު 4:00 ގައެވެ. ފިލިޕީންސްގައި ކުޅޭ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ މެޗެކެވެ. ފިލިޕީންސާއި ރާއްޖޭގެ އިތުރުން ދެން ކޮލިފިކޭޝަން ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާން އަދި ޓިމޯ ލެސްޓޭއެވެ.

ރާއްޖޭން ފިލިޕީންސްގައި މިވަގުތު ތިބި އިރު، މެޗަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް އެގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެ މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ފިލިޕީންސަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމަކަަށްވާ އިރު، އެޓީމުގެ ސްކޮޑުގައި ޔޫރަޕްގައި ކުޅޭ ކުޅުންތެރިންވެސް ގިނެއެވެ. ފިލިޕީންސް މިވަގުތު ދުނިޔޭ ރޭންކިންގެ 150 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ ރޭންކިން 162 ވަނައިގައެވެ. ދެން އޮތް ދެގައުމުގެ ތެރެއިން ތަޖިކިސްތާން 104 ވަނައިގައި ރޭންކް ކުރެވިފައި އޮތް އިރު، ޓިމޯ ލެސްޓޭ އޮތީ 197 ވަނައިގައެވެ.

"އަހަރެމެންނާ އިދިކޮޅަށް ނުކުންނަނީ ރާއްޖެ. އެ މެޗު އަހަރެމެން ނަގާނީ ވަރަށް ސީރިއަސްކޮށް. އަދި މެޗަށް ތައްޔާރުވާނީވެސް ހަމަ އެހެން ވަރުގަދަ މެޗުތަކަށް ތައްޔާރުވާ ގޮތަށް. އެއްވެސް މެޗެއް ފަސޭހަ ނުވާނެ،" އުމުރުން 57 އަހަރުގެ ކޯޗު ކަޕެލާސް ބުންޏެވެ.

ކަޕެލާސް ބުނީ ފިލިޕީންސްގެ ޓާގެޓަކީ ގްރޫޕްގެ އެއްވަނަ ކަމަށާއި އެކަން ހާސިލުކުރަން ކުރެވުނު މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއާއި ފިލިޕީންސް އެންމެފަހުން ކުޅުނު މެޗަކީ 2023 ވަނަ އަހަރު އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ކުޅުނު މެޗެވެ. އެ މެޗު ޔޫއޭއީގައި ކުޅުނު އިރު، މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ކޯޗު ކަޕެލާސް ބުނީ އެ މެޗުގެ ނަތީޖާއަށް ނުވިސްނާ ކަމަށެވެ. އަދި ފުޓުބޯޅައިގައި އަބަދުވެސް ވިސްނާނީ ކުރިއަށް އޮތް ތަނަށް ކަމަށްވެސް ކަޕެލާސް ބުންޏެވެ.

ޖަރުމަނު އެއްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ވީއެފްއެލް ބޮޗުމްއަށް ކުޅެ، މިވަގުތު ދެވަނަ ޑިވިޝަނުގެ ކްލަބަކަށް ލޯނެއްގައި ކުޅެމުންދާ ފޯވަޑް ގެރިޓް ހޯލްޓްމަންއަށް ފިލިޕީންސުން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ކޯޗު ބުނެފައިވެއެވެ.

ކަޕެލާސް ބުނީ ހޯލްޓްމޭންއަށް ނުކުޅެވުން އެއީ ހާސްކަމެއް ނަމަވެސް، މިވަގުތު ހާލަތު ހުރި ގޮތުން ގައުމީ ޓީމަށް ކުޅުން އެއީ ހޯލްޓަމަންއަށް ރިސްކެއް ކަމަށެވެ.