ފުޓުބޯޅައަށް ހިދުމަތް ކުރާން ލިބުނު ކޮންމެ ފުރުސަތެއްގައި އެ ޚިދުމަތް ކޮށްދިނެވެ. އިހުލާސްތެރިކަމާ އެކުގައެވެ. ފުޓުބޯޅައަށް ބެހެއްޓި ލޯތްބެއްގެ ބޮޑުކަމުންނެވެ. ކުރި ކޮންމެ މަސައްކަތެއްގައިވެސް ތަފާތު އަހުލާގެއް ހިފެހެއްޓިއެވެ. އަބަދުވެސް ވިސްނުން ގެންގުޅެފައި ވަނީ ހެޔޮ ބަދަލެއް ގެނެސްދެވޭނެ މަގެއް ހޯދުމަށެވެ. ދިމާވި ކޮންމެ ފަހަރަކު ދިނީ ހެޔޮ ނަސޭހަތެވެ. އަބަދުވެސް ބުނެދިނީ ރަނގަޅު ވާހަކަތަކެކެވެ. އިހުސާން އަބްދުލްޣަނީ (ސާންތީ) ކޯޗުގެ ވަކިވުމަކީ ފުޓުބޯޅައަށް ފޫނުބެއްދޭނެ ގެއްލުމެކެވެ.

ސްކޫލް ދައުރު ނިންމައި، ކުޅުންތެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވުނު ސާންތި ވަނީ ޒުވާން އުމުރުގައި ކޯޗިން މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގައި ތަފާތު އެކި ތަޖުރިބާތަކާއެކު ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދިން ސާންތީ މި ދުނިޔެއާ ވަކިވީ ރޭގެ ވަގުތެއްގައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ސާންތީ ނިޔާވީ ކެންސަރު ބަލީގައެވެ.

މިދިޔަ ދޮޅު އަހަރެއްހައި ދުވަހު ސާންތީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް، ފުޓުބޯޅައަށް ވަގުތު ހުސްކުރިއެވެ. އިންޑިއާގައިވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ އިރު، އެ ދަތިކަމުގެ ތެރެއިންވެސް ދިޔައީ ފުޓުބޯޅައަށް ވަގުތު ހުސްކުރަމުންނެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އައްޔަން ކޮށްފައިވާ ހަތް މެންބަރުންގެ ޓެކްނިކަލްޓީމްގައިވެސް ސާންތީ ހިމެނިފައިވާ އިރު، މި ފަހަކަށް އައިސްވެސް އޭނާ ވަނީ ޒުވާން ކުޅުންތެރީންނަށް ފުރުސަތު ފަހިކޮށްދޭން މުހިއްމު މަސައްކަތްތަކެއް ކޮށްދީފައެވެ. ސާންތިއަކީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޗެފް ޑި މިޝަންގެ މަގާމުގައިވެސް ހިދުމަތް ކުރި، އެންމެންގެ އެކުވެރިއެކެވެ.

"ހިތާމަވެރި އަދި ހިތްދަތި ޚަބަރެއް. ސާންތީއަކީ ކުޅުނު ދުވަސްވަރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް މިޑްފީލްޑަރު. އަހަރެން ޓީވީއަށް ކޮމެންޓްރީ ދިން އިރު، ސާންތީއަށް ތައުރީފު ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނު. ކޯޗެއްގެ ގޮތުގައި، ސާންތީއަކީ އެހެން ކޯޗުންނަށްވުރެ ގިނަ ގޮތްގޮތުން ތަފާތު މޮޅު ކޯޗެއް. ސުވަރުގެ މިންވަރު ކުރައްވާށި،" ސާންތީގެ ވަކިވުމާއެކު ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އިމާދު ލަތީފް ފޭސްބުކްގައި ޝުއޫރު ފާޅުކުރަމުން ބުނެފައިވެއެވެ.

ދެހާސް އެއްވަނަ އަހަރު ގައުމީ ޓީމާ ގުޅުމުގެ ކުރިންވެސް ސާންތީއަކީ ޒުވާން ކުޅުންތެރީން ތަމްރީނު ކުރުމުގެ މަސައްކަތަށް ޝައުގުވެރިވެ، އެކަން އެކި ގޮތްގޮތުން ކުރި ކޯޗެކެވެ. އެ މަސައްކަތުގެ ތެރެއިން ސާންތީގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ދިވެހީންނަށް ފުޓުބޯޅައިގައި ލިބުނު އެންމެ އުފާވެރި ދުވަސް ކަމަށްވާ ސްރީ ލަންކާގައި ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ސާންތީ މަސައްކަތް ކުރިއެވެ.

ސާފްގެ ޗެމްޕިއަން ކަމަށް ރާއްޖެ ކުރި ދަތުރުގައި ސާންތީއަކީ ކޮންމެ ކުޅުންތެރިއެއްގެވެސް ގާތް އެކުވެރިއެކެވެ. އެ ދަތުރުގެ އެންމެ މުހިންމު އެއް ބައިވެރިޔާއެވެ.

"ސާންތީއަކީ ފުޓުބޯޅައިގައި ތަފާތު އަގުހުރި މަސައްކަތްތަކެއް ކުރި ކޯޗެއް. އެކި ޖީލުތަކުގެ ކުޅުންތެރީން ފުޓުބޯޅައަށް ނެރުމަށް ބުރަ މަސައްކަތެއް ކުރި ކޯޗެއް. ޒުވާން ކުޅުންތެރީންނަށް އިތުބާރުކޮށް، ފުރުސަތު ދިން ކޯޗެއް. ހާއްސަކޮށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ހޯދި ޓީމުގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މުހިއްމު މަސައްކަތްތަކެއް ސާންތީ ކުރި. އެއިރު ދިވެހި ކޯޗަކަށް ސާންތީ ހުރުމާއެކު، ޓީމުގައި ކޮންމެ ކަމެއް ހިނގިޔަސް، ކޮންމެ ކަމެއް ކުރަން ޖެހުނަސް ސާންތީއާ މަޝްވަރާ ކުރީ. އެއީ ގައުމީ ހިދުމަތްތެރިއެއް،" ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި ޓީމުގައި ހިމެނުނު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ސާފް 2008 ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީގެ ނަޒަރުގައިވެސް ސާންތީއަކީ ފުޓުބޯޅައިގައި ދެވަނައެއް ނެތް ނަމޫނާ ޝަހުސިއްޔަތެކެވެ.

"ސާންތީ ކޯޗަކީ ކުޅިވަރަށް، ހާއްސަކޮށް ފުޓުބޯޅައަށް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޯޗެއް. ހަމައެއާއެކު އެތައް ޒުވާނުންނެއް ކުޅިވަރު ތެރެއަށް ނެރެ، ސާންތީ ކޯޗުގެ ވަރަށް ގިނަ ދަރިވަރުންތަކެއް ފުޓުބޯޅައިގެ ތެރޭގައި އެބައުޅޭ. އަހަރެންގެ ކުޅިވަރުގެ ހަޔާތުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން އެކަކީވެސް އެއީ. އެއީ ވަރަށް ރަނގަޅު، ގާތް ރައްޓެއްސެއް. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެކަކީ ސާންތީ ކޯޗު. އެކަން އެކަންޏެއް ނޫން. ކުޅިވަރު ތެރޭގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރި އެއް ކޯޗަކީވެސް އެއީ،" އައްސަދު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އޭގެ އިތުރުން އެ މުބާރާތުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އާއި ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) ވެސް ސާންތީގެ ވަކިވުމާއެކު ހިތާމަ ފާޅުކޮށްފައިވެއެވެ.

"ދިވެހި ފުޓްބޯޅައަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި އަޅުގަނޑުގެ ކެރިއަރުގައި އެތަކެއް އެހީތެރިކަމެއް ދެއްވާފައިވާ ކޯޗު، ސާންތީ ނިޔާވި ހަބަރު އަޑުއެހީ ވަރަށް ފުންހިތާމައާ އެކުގައި،" އިންމަގެ ޕޯސްޓްގައި ބުންޏެވެ.

"ފުޓްބޯޅައަށް ހިދުމަތްކުރުމުގައި މުޅި އުމުރު ހޭދަކުރި އަޅުގަނޑުގެ ވެސް ކުރީގެ ކޯޗު ސާންތީ ނިޔާވުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ނިކަމެތިކަމެއް. 2008ގެ ތަށި ދިވެހިރާއްޖެއަށް ހޯދައިދިނުމުގައި ޓެކްނިކަލް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި. މިހާރުގެ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން އައްޔަން ކޮށްފައިވާ 7 މެންބަރުންގެ ޓެކްނިކަލްޓީމްގައި ވެސް ހިމެނޭ ސާންތީ ކޯޗަކީ ކުޅުންތެރިން އުފެއްދުމުގައި ނަމޫނާ ކޯޗެއް." ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ކުރީގެ ފޯވަޑް ޓޮމް ފޭސްބުކުގައި ވިދާޅުވެފައިވެއެވެ.

ކުލަބު އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީއަށްވެސް ކޯޗުކަން ކޮށްދިން ސާންތީއަކީ އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ފައްޓައި އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްވެސް މަސައްކަތް ކޮށްދިން ހީވާގި ހިދުމަތްތެރިއެކެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމު ހާސިލު ކޮށްފައިވާ ސާންތީގެ ކޯޗިން ކެރިއަރުގައި އަބަދުވެސް ޒުވާން ކުޅުންތެރީންނަށް އިތުބާރު ކުރުމަކީ އޭނާގެ ފިލޯސަފީއެވެ. ދިވެހި ފުޓުބޯޅައަށް އެކި ޖީލުތައް ނެރެދިން ސާންތީ ވަނީ އީގަލްސްގައި ޒުވާން ކުޅުންތެރީންނާއެކު ތަފާތު ތަޖުރިބާތަކެއް ކޮށް، އެ ކުޅުންތެރީންނަށް މަގު ކޮށައިދީފައެވެ. އެ ކްލަބާއެކު ގައުމީ މުބާރާތްވެސް ސާންތީ ކާމިޔާބު ކޮށްފައިވާ އިރު، އިދިކޮޅު ކޯޗުންނާއި މުޅި ފުޓުބޯޅައިގެ ނަޒަރުގައިވެސް ސާންތީގެ އެންމެ ބޮޑު ތަފާތަކީ ޒުވާން ކުޅުންތެރީންނަށް ދޭ ސަމާލުކަމެކެވެ.

"ސާންތީއަކީ ފުޓުބޯޅައަށް ހިދުމަތްކުރުމުގައި ނަމޫނާއެއް. ސާންތީގެ ވަކިވުމާއެކު ގެއްލިގެން އެ ދިޔައީ ނަމޫނާ ޝަހުސިއްޔަތެއް. ސާންތީއަކީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް، އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން ތަފާތު މަސައްކަތްތަކެއް ކުރި ކޯޗެއް. ފަހުން އެފްއޭއެމްގައިވެސް ޒުވާން ކުޅުންތެރިން ހޯދުމަށް ތަފާތު މަސައްކަތްތަކެއް ސާންތީ ކުރި. އެއީ މުޅި ހަޔާތް ފުޓުބޯޅައަށް ހުސްކުރި ކޯޗެއް. އިދިކޮޅު ބެންޗުގައި ހުންނަ ނަމަވެސް، ސާންތީގެ މަސައްކަތަކީ އަބަދުވެސް ގަބޫލުކުރާ މަސައްކަތެއް. ސާންތީގެ ވިސްނުމަކީ އަބަދުވެސް ފުޓުބޯޅައަށް މުހިއްމު ވިސްނުމެއް. އެކަހަލަ މަދު ބައެއް ތިއްބައި ގެއްލިގެން ދިޔަ އެކަކު އެއީ،" ރާއްޖޭގެ މަގުބޫލު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) "ވަން ސްޕޯޓްސް) އަށް ބުންޏެވެ.

އަބަދުވެސް ހެޔޮ ހިތުން ވާހަކަ ދައްކާ، މަޑުމައިތިރި މިޒާޖެއްގެ ކޯޗެކެވެ. ފެނުނު ކޮންމެ މަންޒަރަކުން ވެސް ފުޓުބޯޅައަށް ކުރާ ލޯބި ސާފުވެއެވެ. ސާންތީގެ ވަކިވުމަކީ ގައުމަށް ލިބުނު ހިތްދަތިކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ "ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަހުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް،" ކަމަށެވެ.

ޝައްކެއް ނެތެވެ. ވަކިވެގެން އެ ދިޔައީ ދިވެހި ފުޓުބޯޅައިގެ ޚިދުމަތުގައި ދެމިހުރި އެންމެ މުހިންމު އެއް ޚިދުމަތްތެރިޔާއެވެ. ހަޔާތް އެއްކޮށް ފުޓުބޯޅައަށް ހުސްކުރި، މުޅި ފުޓުބޯޅަ އާއިލާގެ ލޯބި ހޯދައިގެން ހުރި އެ އާއިލާގެ އެންމެ އިޚުލާސްތެރި އެއް ބައިވެރިޔާއެވެ.