ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލްގެ ޑިފެންޑަރެއް ކަމަށްވާ ލުއިސް އަލްމެއިޑާގެ ސޮއި ހޯދައި، އެކަން އިއުލާނުކޮށްފިއެވެ.

މާޒިޔާއިން ރޭ އިއުލާނު ކުރި ޑިފެންޑަރު އަލްމެއިޑާއަކީ 27 އަހަރުގެ ޑިފެންޑަރެކެވެ. އަލްމެއިޑާއަކީ އެމެރިކާގައި ވެސް ދުވަސްތަކެއް ހޭދަކުރި ޑިފެންޑަރެކެވެ. އޭނާ އަކީ އެ ގައުމުގެ އެކި ޑިވިޝަންތަކަށް ވެސް ކުޅެފައިވާ ޑިފެންޑަރެއްގެ އިތުރުން ސްޕެއިންގެ ބައެއް ކްލަބުތަކަށްވެސް ކުޅެފައިވާ ޑިފެންޑަރެކެވެ. އޭގެ އިތުރުން ޕޯޗުގަލްގެ ބައެއް ކްލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ހޯދާފައިވާ އަލްމެއިޑާއަކީ މި ސީޒަނަށް މާޒިޔާއިން ގެނައި ދެވަނަ ބިދޭސީ ކުޅުންތެރިޔާއެވެ.

މި ސީޒަނަށް އެފްއޭއެމްގެ އުސޫލަށް ބަދަލު ގެނެސްފައިވާ އިރު، މިހާރު ރާއްޖޭގެ ކްލަބުތަކަށް ގެނެވެނީ ބިދޭސީ ތިން ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އޭޝިއާ ކުޅުންތެރިޔަކަށް ވެސް ވާން ޖެހެއެވެ.

މާޒިޔާއިން މީގެ ކުރިން އިއުލާނު ކުރި މިޑްފީލްޑަރަކީ މޮޒަމްބީކުގެ ރިކާޑޯ މޮންޑްލޭންއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އެކްލަބަށް ކުރިން ކުޅުނު މޫސާ ޔާމީން (ޔާމްބެ) އާއި ޔަސްފާދު ހަބީބު (މުލަކާ) އަނބުރާ ޓީމަށް ގެންގޮސްފައިވެސް ވެއެވެ.

ރާއްޖޭގެ ލީގު ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މާޒިޔާއިން ވަނީ މިދިޔަ އަހަރު އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ވާދަކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި ކޯޗުވެސް ފޮނުވާލުމަށްފަހު ސީޒަނަށް އެ ކްލަބުން ތައްޔާރު ވަނީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުންނެވެ.