ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޒާއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފައެވެ.
ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި ތިންވަން އިސްލާހުގެ ގޮތުގައި ހުށަހެޅި އެ ބިލުގެ ހަތަރުވަނަ މާއްދާގެ ފަހަތަށް އިތުރުކުރި އަކުރުތަކުގެ ގޮތުގައި ހިމަނާފައިވާ އިސްލާހުގައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ނަމަވެސް ރަށްތަކާއި ސިޓީތަކުގެ ބިނާވެށި ޕްލޭނާ އެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭނެ ބިން ހަމަ ކުރިން އޮތްގޮތަށް، ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލަކުން ކަމަށް ވަނީ ހިމަނައިފައެވެ.
މާލިއްޔަތު ގާނޫނުގެ ދަށުން މިހާރު ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު އުވާލުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ. ނަމަވެސް އޭގެ ބަދަލުގައި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް ވެސް ވަނީ ހިމަނައިފައެވެ.
މި ފަންޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަސީލަތްތައް ކުރިއަރުވައި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރާ ފަންޑެއް ކަމަށާއި މި ފަންޑުން ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓް ކުރާނެ ކަމަށްވެސް ހިމަނާފައިވެއެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރާނީ ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ލިބޭ ސްޕޮންސާޝިޕް ފައިސާ އާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖަމާކުރާ ފައިސާ އާއި ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ އާއި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަމުން ލިބޭ ފައިސާ ކަމަށްވެސް ބުނެފައިވެއެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓް ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމުގެ އުސޫލާއި އެތަނެއް ހެދުމަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލު އިސްލާހުކޮށް ރީ ޑިވެލޮޕްމަންޓަށް ތަންތަން ބަންދުކުރުމުގެ އުސޫލު ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ޓޫރިޒަމަށް ތަރައްގީކުރަމުންދާ ތަންތަން ރީޑިވެލޮޕް ކުރުމަށް ބަންދުކުރުމާ ގުޅޭ މާއްދާއެއް އަލަށް ހިމަނައި، އެފަދަ ތަންތަނުގެ ފެންވަރު މަތިކުރުމަށް ބަންދު ކުރެވޭނީ ކަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެތަނެއްގެ ކުލީގެ އެއްބަސްވުން އިސްލާހު ކުރުމަށްފަހުގައި ކަމަށްވެސް ހިމަނައިފައިވެއެވެ.
އޭގެ އިތުރުން ކަމާބެހޭ އެއްބަސްވުމުގެ މުއްދަތުގައި ރީ ޑިވެލޮޕް މަސައްކަތް ނުނިމޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ކުލީގެ އެގްރީމަންޓް ބާތިލުކުރުމުގެ އިހުތިޔާރު މި ބިލުން ކަމާބެހޭ މިނިސްޓްރީއަށް ވަނީ ދީފައެވެ. އަދި އެގޮތަށް އެއްބަސްވުން ބާތިލުކުރުމަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ހިމަނާފައިވެއެވެ.
ގާނޫނުގެ ފަސްވަނަ މާއްދާގައި މިހާރު ބުނަނީ، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ވިޔަސް ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
ނަމަވެސް މިއަދު ފާސްކުރި ބިލުގައި ވަނީ މި މާއްދާގައި އޮތް "އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން" އިބާރާތުގެ ފަހަތަށް، "އެނޫން ސިޔާސަތެއްގެ ދަށުން" ސަރުކާރުން ކަނޑައަޅާ މަޝްރޫއަކާ ގުޅިގެން ޓޫރިޒަމް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.
މި ބަދަލާ ގުޅިގެން ކޮން ބާވަތެއްގެ މަޝްރޫއެއްކަން ކަނޑައެޅުމެއްނެތި، ރައީސް ބޭނުންވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމުގެ ބާރު ލިބިގެންދާނެއެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިސޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުން ކަނޑައަޅާ ކޮންމެ ޕްރޮޖެކްޓަކާ ގުޅިގެން ދޫކުރެވޭ ގޮތަށް ބަދަލުކުރުމުގެ އިތުރުން، ރިސޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރަން ފައިސާ ދެއްކުމަށް ލުއިދިނުމުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ރައީސް އެ ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރުމާއެކު، އެ އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި