ސްކޭމްތަކުން ހޯދާ ފައިސާ އެކައުންޓުން ނެގުމުގެ ކުރިން އެ ފައިސާ ޖަމާވި އެކައުންޓެއް ފްރީޒު ކުރުމުގެ ބާރު ފުލުހުންނަށް ލިބިއްޖެއެވެ.

ރާއްޖޭގައި ސްކޭމްތަކުގެ މައްސަލަ އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން 2024 ވަނަ އަހަރު ފުލުހުންގެ ތެރޭގައި ވަނީ އެންޓި ސްކޭމް ސެންޓަރެއް އުފައްދައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުތައް މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވައިފައެވެ. އަދި އެ އިސްލާހުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ އިއްޔެ އަމަލުކުރަން ފެށި އެ އިސްލާހުތަކުގެ ސަބަބުން ސްކޭމް މެދުވެރިކޮށް ފޭރިގަންނަ ފައިސާ މާލީ ނިޒާމުގެ ތެރެއިން ބޭރުކުރުމުގެ ކުރިން ހުއްޓުވުމުގެ ބާރު ފުލުހުންނަށާއި މާލީ އިދާރާތަކަށް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތުން ސްކޭމްގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމަށް އަންނަ ކޯލާ ހިސާބުން އެކަމެއްގެ މައުލޫމާތު މާލީ އިދާރާތަކާ ވަގުތުން ހިއްސާކުރާނެ ކަމަށެވެ. ފޯން ކޯލު ނިމޭ އިރު، ސްކޭމްގެ ޒަރިއްޔާއިން މީހެއްގެ އެކައުންޓުން ފޭރިގެންފައިވާ ފައިސާ ހުއްޓުވުމަށްޓަކައި އެ އެކައުންޓް ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް މިހާރު ގާނޫނުން ލިބިދީފައިވާ ކަމަށް އާދަމް ނަވީދް ވިދާޅުވިއެވެ.

އާދަމް ނަވީދު ވިދާޅުވީ ސްކޭމްގެ މާލީ މުއާމަލާތް ހުއްޓުވުމަށް ކޮންމެ އެކައުންޓެއް ފްރީޒްކުރުމަށް ވަކިވަކިން ކޯޓު އަމުރު ހޯދަން ފުލުހުން ޖެހޭ ކަމަށެވެ. ނަމަވެސް ދެން އެންމެ ކޯޓު އަމުރަކުން އެތައް އެކައުންޓެއް ފްރީޒްކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނާ ހަމަައަށް ސްކޭމެއް ރިޕޯޓްކުރެވި ކޯލް ނިމޭއިރު ހަގީގަތުގައި މާލީ އިދާރާތަކަށް ފުލުހުންގެ ފަރާތަކުން އެ ދާންޖެހޭ މައުލޫމާތުތަކެއް ގޮސް، އެ އިދާރާއަކުން އެ ފިޔަވަޅު އަޅާފައި އޮންނާނީ. އެހެންވީމަ މި އިސްލާހާ ގުޅިގެން އަޅުގަނޑުމެންނަށް ސިސްޓަމް ތެރެއިން ފައިސާ ބޭރުވުމުގެ ކުރިން ހުއްޓުވޭ އެބަ. އެއީ ވަރަށް ބޮޑު ތަސައްލީއެއް ރާއްޖޭގެ ސްކޭމްގެ ހާލަތަށް ބަލާއިރު ހުއްޓުވުމަށް،" އާދަމް ނަވީދު ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލައެއް މާލީ ނިޒާމުގެ ތެރެއިން ހިނގަމުންދާ ކަމަށް ބޭންކުތަކަށް ޝައްކުކުރެވޭ ހިސާބުން އެކަމެއް ފުލުހުންގެ ސަމާލުކަމަށް ގެންނަން މިހާރު ޖެހޭނެ ކަމަށް އާދަމް ނަވީދު ވިދާޅުވިއެވެ.

ފުލުހުން އެދޭ ހާލަތްތަކުގައި ލިޔެކިޔުމަކާ ނުލައި، ޝައްކުކުރެވޭ ފަރާތްތަކުގެ ބައެއް މައުލޫމާތާއި މާލީ މުއާމަލާތުގެ މައުލޫމާތު މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން ބޭންކުތަކުން ފުލުހުންނަށް ހިއްސާކުރަންޖެހޭނެ ކަމަށް އާދަމް ނަވީދު ވިދާޅުވިއެވެ.

އަދި 48 ގަޑިއިރަށް ފައިސާ އަވަސްގޮތެއްގައި ހިއްފެހެއްޓުމަށްފަހު، ކޯޓު އަމުރުގެ ދަށުން އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ގާނޫނުން މިހާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށް އާދަމް ނަވީދު ވިދާޅުވިއެވެ.