އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ލެސްޓާ ސިޓީ ކައިރިން ބޮޑު މޮޅެއް ހޯދި އިރު، އަނެއްކާވެސް ބްރޫނޯ ފެނާންޑޭޒް ތަފާތު ދައްކައިފިއެވެ.

ރޭ ރަށުން ބޭރުގައި ޔުނައިޓެޑުން ލެސްޓާ ސިޓީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެއީ 29 މެޗުން 37 ޕޮއިންޓާއެކުގައެވެ. ލެސްޓާ މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް އިރު، އެޓީމަށް 29 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ރޭ ޔުނައިޓެޑުގެ ގޯލުތައް ޖެހީ ރަސްމުސް ހޮއިލުންޑާއި އެލެހާންޑްރޯ ގާނާޗޯ އަދި ބްރޫނޯ ފެނާންޑޭޒްއެވެ. މިދިޔަ ހަފުތާގައި ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ޔަގީން ކުރި އިރު، ރެއާލް ސޮސިއެދާދާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައި ވެސް ފެނާންޑޭޒް ހެޓްރިކް ހެދި އިރު، ރޭ ފުރަތަމަ ދެ ގޯލަށް އެސިސްޓް ކޮށްދިނީވެސް އޭނާއެވެ.

ހޮއިލުންޑް މެޗުގައި ޖެހި ގޯލަކީ 21 މެޗަށްފަހު އޭނާގެ ފަރާތުން ފެނިގެން ދިޔަ ގޯލެކެވެ. ރޭގެ މެޗަށް ނުކުތް އިރު، ހޮއިލުންޑް އެންމެފަހުން ގޯލު ޖަހާފައި އޮތީ މިދިޔަ އަހަރު ޑިސެމްބަރު މަހު 12 ވަނަ ދުވަހުގައެވެ.

ޔުނައިޓެޑްގެ ދަށް ފޯމާ ގުޅިގެން ކުރިން އެ ކްލަބަށް ކުޅުނު ބައެއް ކުޅުންތެރިންނާއި ތަޖުރިބާކާރުން ވެސް ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ ކެޕްޓަން ފެނާންޑޭޒްއަށެވެ. އެ ފާޑު ކިޔުންތަކާ ގުޅިގެން ރޭގެ މެޗަށްފަހު ފެނާންޑޭޒް ބުނީ، އޭނާ ކަންކުރާނީ އަމިއްލަ ވިސްނުމަށް ކަމަށާއި ފާޑު ކިޔުމަކީ ހިތްވަރު ލިބޭ ކަމެއް ކަމަށެވެ.

"އަހަންނަށްވެސް ފަސޭހައެއް ނޫން ފާޑު ކިޔުންތަކާ ކުރިމަތިލާކަށް. އެކަަމަކުވެސް އެއީ އަހަންނަށް ލިބޭ ހިތްވަރެއް. މީހުން ގަބޫލުކުރޭ އަހަރެން ބައިވަރު ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް. އެކަން ހުދު އަހަރެންވެސް ގަބޫލުކުރަން،" ފެނާންޑޭޒް ބުންޏެވެ.

ފެނާންޑޭޒް ބުނީ ރޯއީ ކީން ކަހަލަ ކުޅުންތެރިން އިހުތިރާމް ކުރާ ނަމަވެސް، އެ ކުޅުންތެރިން ދައްކާ ހުރިހާ ވާހަކައަކަށް އެއްބަސް ނުވެވޭ ކަމަށެވެ. އަދި އެންމެންނަށް ކަމުދާ ގޮތަކަށް ނުވެސް ކުޅެވޭނެ ކަމަށް ފެނާންޑޭޒް ފާހަގަކުރިއެވެ.